ޔައުގޫބުގެ މައްސަލަ އަންނަ ހަފްތާއަށް ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ގެ މެމްބަރުކަން ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަންނަ ހަފްތާއަށް ފަސްކޮށްފި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ މައްސަލައިގެ އަޑުއެހުން ފަސްކޮށްފައި ވަނީ ޔައުގޫބް އެގޮތަށް އެދިވަޑައިގެންނެވުމުންނެވެ. 

އެ މައްސަލަ އަންނަ ބުރާސްފަތި ދުވަހަށް ތާވަލު ކުރުމަށް ފަހު މިހާރު ފަސްކޮށްފައި ވަނީ އަންނަ ހަފްތާގެ ބުދަ ދުވަހަށް ކަމަށް ވެއެވެ.

ޔައުގޫބްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލަށް ޔައުގޫބް އައްޔަނުކޮށް އެ މަގާމު ބަލައިގަތުމުންނެވެ.  

ޔައުގޫބްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އެވެ. 

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނި ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) އާ ޔައުގޫބް ހިލާފުވެފައި ވާތީ މެމްބަރުކަން ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. 

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) ގައި ބުނެފައި ވަނީ، މަޖިލީހުގެ މެމްބަރަކު އެ މާއްދާގައި ބަޔާން ކުރާ ވަޒީފާތަކުން ކުރެ ވަޒީފާއެއް އަދާކޮށްގެން ނުވާނެ ކަމަށެވެ. އެގޮތުން އެ މާއްދާގެ ތިންވަނަ ނަމްބަރުގައި ވަނީ މަޖިލީހުގެ މެމްބަރަކު “މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް” އަދާކޮށްގެން ނުވާނެ ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!