ކޯވިޑް ޖެހުނުފަހުން ވަރަށް ބާރުގަދަކަމުގެ އިހުސާސުކުރެވޭ: ޓްރަންޕު

ކޯވިޑް-19 ޖެހުމަށްފަހު ބަލިން ފަސޭހަވެ ރިޔާސީ އިންތިޚާބަށް ކެންޕެއިނު ކުރެއްވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕު އަނެއްކާވެސް މަސްއޫލުވެވަޑައިގެންފިއެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވަނިކޮށް އިތުރު ދަޢުރަކަށް ކުރިމަތިލައްވާފައިވާ ރައީސް ޓްރަންޕަށް ކޯވިޑް-19 ޖެހިފައިވާކަމަށް އިޢުލާނުކުރެއްވީ އޮކްޓޯބަރު މަހުގެ 2ވަނަ ދުވަހުގައެވެ. އެމަނިކުފާނަށްވަނީ އަސްކަރީ ހަސްފަތާލެއްގައި ތިން ދުވަހުގެ މުއްދަތަށް ފަރުވާ ދީފައެވެ.

އިންތިޚާބަށް އެންމެ މުހިންމު އެއް ސްޓޭޓުކަމުގައިވާ ފްލޮރިޑާގައި ރައީސް ޓްރަންޕު ބޮޑު ރެލީއެއް ބާއްވަވާފައިވަނީ ކޯވިޑް-19އަށް އަލުން ތަހުލީލުކުރުމުން ނަތީޖާ ނެގެޓިވްވެފައިވާކަމަށް ރިޔާސީ ގަނޑުވަރު، ވައިޓު ހައުސްގެ ޑޮކްޓަރު އިޢުލާނުކުރެއްވިތާ ގަޑިއިރުކޮޅެއްގެ ތެރޭގައެވެ. ނަމަވެސް އެ އިޢުލާނުގައި އެ ތަހުލީލުކުރި ތާރީޚު ހާމަކޮށްފައެއް ނުވެއެވެ.

ފުލޮރިޑާގައި ބޭއްވި އެއްވުމުގައި ރައީސް ޓްރަންޕު ވާހަކަދައްކަވާފައިވަނީ މާސްކެއް ތުރުނުކުރައްވައެވެ. އެ ޙަރަކާތުގައި ޓްރަންޕުވަނީ އެމަނިކުފާނަށް ކޯވިޑް-19 ޖެހުމުން ކުރެވުނު ތަޖުރިބާ އާއި ގުޅޭގޮތުން ތަކުރާރުކޮށް ވާހަކަދައްކަވާފައެވެ. ޓްރަންޕު ވިދާޅުވީ ބަލިން ރަނގަޅުވި ފަހުން އެމަނިކުފާނު ‘ވަރަށް ބާރުގަދަ’ ކަމުގެ އިހުސާސުކުރެވޭކަމަށާއި އެމަނިކުފާނަށް އަލުން ކޯވިޑް-19 ނުޖެހޭނެކަމަށް ޤަބޫލުރައްވާކަމަށެވެ. އަދި އާންމުންނާއި ގާތްވެވަޑައިގަތުމަށް ފަސްޖެހިވަޑައިނުގަންނަވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން ޙާލަތު އެންމެ ގޯސްވެފައިވާ ޤައުމުގެ ގޮތުގައި އޮތީ އެމެރިކާއެވެ. އެ ޤައުމުގައި މިހާތަނަށް 8 މިލިއަން މީހުންނަށް ބަލިޖެހި 220،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ޓްރަންޕު މީގެ ކުރިންވަނީ ކޯވިޑް-19އަކީ ނުރައްކާތެރި ބައްޔެއް ނޫންކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ބަލިފެތުރުން ހުއްޓުވުމަށް އަޅާ ގައިދުރުކުރުމުގެ ފިޔަވަޅުތަކަށް ޢަމަލުނުކުރައްވާ ޞިއްޙީ މާހިރުންގެ ލަފަޔަށް ފަރުވާލެއް ނުބަހައްޓަވާ ބޭފުޅެއްގެ ގޮތުގައި ރައީސް ޓްރަންޕުވަނީ ފާހަގަވެފައެވެ. މާސްކު ބޭނުންކުރުމާއި ދެކޮޅަށްވެސް އެކި ފަހަރުމަތިން އެމަނިކުފާނުވަނީ ވާހަކަދައްކަވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!