ދިވެހި އުފެއްދުންތަކަށް ޙާއްސަކޮށްގެން ސެންޓްރޯ މޯލްގައި ހުޅުވާ ފިހާރައިގައި ތަކެތި ބެހެއްޓުމުގެ ފުރުސަތު

ދިވެހި އުފެއްދުންތަކަށް ޙާއްސަކޮށްގެން ހުޅުމާލެ ސެންޓްރޯ މޯލްގައި ބީސީސީން ހުޅުވާ ފިހާރައިގައި ތަކެތި ވިއްކަން ބެހެއްޓުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީގެ އޮތެންޓިކް މޯލްޑިވްސް ފިހާރައަކީ ދިވެހި އަތްތެރި މަސައްކަތް ކުރާ ދިވެހިންނަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރިއެރުވުމުގެ މަޤްސަދުގައި ހުޅުވާ ފިހާރައެއް ކަމަށެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ބީސީސީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ލީނާ އަބްދުލް ޖަމީލް ވިދާޅުވީ އަންނަ މަސްތެރޭ މިފިހާރަ ހުޅުވުމަށް މަސައްކަތްކުރާ ކަމަށެވެ. އަދި މި ފިހާރައިގައި ގާތްގަނޑަކަށް 25-50އާ ދެމެދުގެ އަދަދަކަށް ސަޕްލަޔަރުންގެ ތަކެތި ބެހެއްޓޭނެކަމަށް ލީނާ ވިދާޅިއެވެ.

މި ފިހާރައިގައި ތަކެތި ވިއްކަން ބަހައްޓަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 22 ވަނަ ދުވަހުގެ 15:00ގެ ކުރިން މިކަމަށް އެދި ޕްރޮޕޯސަލްއާއި އެހެނިހެން ލިޔެކިއުންތައް ފޮނުވުމަށް ބީސީސީން އެދެއެވެ. އެގޮތުން އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހަޅާނަމަ [email protected] އަށް އީމެއިލް ކުރެވޭނެ ކަމަށްވެސް ބީސީސީން ހާމަކުރެއެވެ.

ބީސީސީން ވަނީ މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޑިއުޓީ ފްރީގައި ދިވެހި އުފެއްދުންތަކަށް ޚާއްސަ ފިހާރައެއް ހުޅުވާފައެވެ. ލީނާ ވިދާޅުވީ ކޯވިޑުގެ ކުރިން އެފިހާރައިގެ ވިޔަފާރި ވަރަށް ރަނގަޅު ކަމަށެވެ. އަދި ކުރިމަގުގައި ފަތުރުވެރިކަން ރަނގަޅުވެ އެ ފިހާރައިގެ ވިޔަފާރި ރަނގަޅުވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

މި ފިހާރައިގައި މިހާރު ރާއްޖޭގައި މަޝްހޫރުކަން ހޯދާފައިވާ ބައެއް ބްރޭންޑްތަކުގެ އުފެއްދުންތަކާއި ބައެއް އަމިއްލަ ފަރާތްތަކުގެ އުފެއްދުންތައް ހުރެއެވެ. އެގޮތުން ޒީނަތްތެރިވުމަށް ބޭނުންކުރާ ގަހަނާ، ކީ ޗެއިންސް، ދަބަސް، ހެދުން ފަދަ ތަކެތި މިފިހާރައިގައި ހުރެއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!