މިއީ ވެރިކަމުގެ ނިޒާމަށް ބަދަލުގެނައުމަށް ވާހަކަ ދައްކަންވީ ވަގުތެއް ނޫން: ރައީސް ނަޝީދު

ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހެއް ހުށަހަޅާފައިވާއިރު، މިއީ އެފަދަ އިސްލާހަކާމެދު ބަހުސްކޮށް، އެމަގަށް ދާންވީ ވަގުތެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން އަބަދުވެސް ވަކާލާތު ކުރައްވަމުން ގެންދަވާ ނަޝީދު މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އިޝާރާތް ކުރައްވައި ވިދާޅުވީ މި އިސްލާހަކީ އެ ބާވަތުގެ އިސްލާހެއްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އަދި އެވާހަކައަކީ އެމަނިކުފާނު ދައްކާ ވާހަކައެއް ނަމަވެސް، މިއީ އެ ކަމަށް ބަހުސްކޮށް، އެމަގަށް ދާންވީ ވަގުތެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

“އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި އެ ބާވަތުގެ އިސްލާހެއްވެސް ނޫން. އަދި މިއީ އެމަގަށް ދާންވީ ވަގުތު ކަމަކަށްވެސް ނުދެކެން،” ޖާބިރު ހުށަހެއްޅުވި އިސްލާހަކީ އެ މަގަށް ދިއުމަށް ހުށަހެޅުއްވި ބިލެއް ކަމުގައި ދެކެވަޑައިނުގަންނަވާކަމަށް ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް، މަޖިލީހުގެ ގަވައިދު އޮންނަ ގޮތުން، އެ ބިލު ވެސް އެޖެންޑާ ކުރަންޖެހޭ ކަމަށާއި، އެ ބިލާ ގުޅޭގޮތުން ގޮތެއް ނިންމަވާނީ މެންބަރުންކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ޑީއާރުޕީގެ ލީޑަރުކަން ކުރައްވާ ޖާބިރު ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ ރާއްޖޭގައި ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ނިންމާފައިވީ ނަމަވެސް، ގާނޫނު އަސާސީގައި ވަކި ނިޒާމެއްގެ ވާހަކަ ސީދާ ބަޔާންކޮށްފައިނުވާ ކަމަށެވެ.

އަދި ރިޔާސީ ނިޒާމަކަށް ރައްޔިތުން ވޯޓު ދީފައިވީ ނަމަވެސް، 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބުތަކަށްފަހު ވެރިކަން ހިންގަމުން އައިސްފައިވަނީ ބަރުމަލާނީ ނިޒާމެއްގެ ސިފަތަކުގެ މައްޗަށް ކަމަށްވެސް ޖާބިރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!