އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ 7000 މެސެޖު ޢާންމުކުރާނަން: ރައީސް ނަޝީދު

މްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުންހުރި 7،000އަށްވުރެ ގިނަ މެސެޖު ލިބިވަޑައިގެންފައި ވާކަމަށާ އެމެސެޖްތައް ޢާންމުކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ނުހައްޤު މުއްސަދިކަން ހޯދުމަކީ ކުށެއްކަމަށް ކަނޑައަޅައި ޤާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާޙުގެބިލުގެ ބަޙުސްގެ މަރުޙަލާގައި މެމްބަރުން ދެއްކެވި ވާހަތަކާއި ގުޅިގެން މަޖިލީހުގެ ރައީސް ވިދާޅުވީ އެމްއެމްޕީއާރުސީއާ ގުޅުންހުރި މައްސަލަތައް ކަމާބެހޭ އިދާރާތަކުން ނުބެލި ލަސްވާކަމީ ނުހަނު ކަންބޮޑުވާކަމެއްކަމަށެވެ. މި މެސެޖްތަކުގައި އެމްއެމްޕީއާރުސީގެ ފައިސާގައި މުއާމަތާތްތައް ބަދަލުކުރެވުނު ގޮތް ވަރަށްސާފުކޮށް ހާމަވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

“އޭސީސީއަށާއި މަޖިލީހަށް އަޅުގަނޑު އެރުވިން 70،000 ޓެކްސްޓް، ފޯނުގެ ޓެކްސްޓް، އެސްއެމްއެސް. އެއީ ކުރީގެ ނައިބް ރައީސްގެ ފޯނާއި ކުރީގެ ނައިބް ރައީސް ގާތް އެކިއެކި ބޭފުޅުންނަށް ކުރައްވާފައިވާ ޓެކްސްޓްތައް. އަދި ހަމައެހެންމެ އެއާއިކީ ނައިބް ރައީސް އަމިއްލަފުޅަށް އެބޭފުޅާ އިޢުތިރާފްވެ ވަޑައިގެންނެވި އިރުގައި އެތައްއެތައް ވާހަތަކެއް ކިޔައި ދެއްވައިފި. އަޅުގަނޑު މިމެސެޖްތައް އާންމު ކުރާނަން.” ރައީސް ނަޝީދު ވިދާޅުވިއެވެ.

މިމައްސަލާގައި ވަހަކަދެއްކެވި މެމްބަރުންވަނީ މިހާރުގެ އޭސީސީއަށާއި ކަމާބެހޭ އެހެން އިދާރާތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ އޭސީސީން މައްސަލަތައް ބަލަމުންދަނީ އިންސާފުންކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. އަދި މިހާރު ކޮމިޝަންގެ މަސައްކަތައް ހުރިގޮތަށް ބަލާއިރު ނުހަނު ކަންބޮޑުވާކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައިވަނީ ސިޔާސީ މަންފާތަކެއް ބޭނުންކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެނގޭގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެމައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!