މުޖުތަމަޢުގެ ތެރޭގައި ކޯވިޑް-19 ފެތުރި އެބަލިން ރަނގަޅުވެފައިވާނީ ކިހާ ޢަދަދެއްގެ މީހުންތޯ ދެނެގަތުމަށްޓަކައި މިހަފްތާގެތެރޭގައި އެންޓިބޮޑީ ޓެސްޓު ހަދަންފަށާނެކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.
ކޮވިޑްގެ އެއްވެސް އަލާމާތް ނުފެނި ބަލިޖެހިފައި ހުރިކަން ނޭނގި އެތަށް ބަޔަކު ރަނގަޅުވެފައި ވެއެވެ. އެޗްއީއޯސީން ބުނީ ރާއްޖޭގެ މުޅި އާބާދީގެ ތެރެއިން ކޮވިޑް ޖެހުނު މީހުންގެ އަންދާޒާއެއް ކުރަން އެންޓިބޮޑީ ޓެސްޓް ހަދަން ނިންމާފައިވާ ކަމަށެވެ. ރާއްޖެއިން ބަލި ޖެހުނު ކަމަށް އެސްޓިމޭޓް ކުރެވޭ އަދަދެއް ހޯދަން ކުރަން ނިންމާފައިވާ މަސައްކަތަށް ސްޓަޑީ ޕްލޭން ހަދާ އެ މަސައްކަތް އެޕްރޫވް ކޮށް ނިމިފައިވާ ކަމަށް އެޗްއީއޯސީން ބުންޏެވެ.
އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ވިދާޅުވީ އެންޓި ބޮޑީ ޓެސްޓް ހަދަން ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. އެންޓި ބޮޑީ ޓެސްޓް އެންމެ ފުރަތަމަ ކުރާނީ ސުކޫލް އުމުރުފުރާގެ ކުދިންގެ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.
“މި ޓެސްޓްތައް ހަދަން ޖެހެނީ އާބާދީގެ ހުރިހާ އުމުރުފުރައެއްގެ. އެހެންވީމަ އެންމެ ފުރަތަމަ މި ފެށެނީ ސުކޫލް އުމުރުފުރާގެ. މި ހަފްތާގައި ޓެސްޓް ހެދުމުގެ ކަންކަން ފެށޭނެ،” ނަޒްލާ ވިދާޅުވިއެވެ.
އެ މަސައްކަތް ކުރަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއެކުގަ އެވެ.