ޓްރާންސްޕޯޓާއި ސީފެއާރާސް ރައިޓްސް އިން އެމްއޯޔޫއެއްގައި ސޮއިކޮށްފި

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އިން ސީފެއާރާސް ރައިޓްސް އިންޓަރނޭޝަނަލް (އެސްއާރްއައި) އާއެކު އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެސްއާރުއައި އަކީ ދުނިޔޭގެ ސީފެއާރާސްގެ ހައްގުތައް ރައްކާތެރިކުރުމާއި، ރިސާޗާއި ތަމްރީނާއި ޓެކްނޮލޮޖީގެ ދާއިރާއިން ސީފެއާރާސް ކުރިއަރުވަން މަސައްކަތް ކުރާ މިނިވަން މުއައްސަސާއެކެވެ.

އެ މުއައްސަސާއާއި ޓްރާންސްޕޯޓުން މިއަދު ސޮއިކޮށްފައި ވަނީ ރާއްޖޭގެ މެރިޓައިމްދާއިރާ ހަރުދަނާކުރުމަށްޓަކައި ބޭނުންވާ ގާނޫނުތައް ހެދުމަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ހޯދުމާ ގުޅޭ އެމްއޯޔޫއެއްގައެވެ.

އެމްއޯޔޫގައި ސޮއިކޮށްފައިވަނީ އެސްއާރްއައި އާއެކު މިއަދު އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައެވެ.

އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާއިޝަތު ނަހުލާ އެވެ. އަދި އެސްއާރްއައިގެ ފަރާތުން ސޮއިކުރެއްވީ އެސްއާރްއައިގެ އެގްޒެކެޓިވް ޑިރެކްޓަރު ޑިއެޑްރެ ފިޓްޕެޓްރިކްއެވެ.

އެމްއޯޔޫއާއި ބެހޭގޮތުން މިނިސްޓަރު ނަހުލާ ވިދާޅުވީ، އެމްއޯޔޫގެ ދަށުން ރާއްޖޭގެ މެރިޓައިމްދާއިރާ ހަރުދަނާކުރުމަށްޓަކައި ބޭނުންވާ ގާނޫނުތައް ހެދުމަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ރާއްޖެއަށް ލިބިގެންދާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!