ސާމްޕަލް ނެގި ކުއްޖާ އާއި ބައްދަލުކޮށް މެމްބަރު އިކްރާމް މައާފަށް އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން، ކޮވިޑް19 ސާމްޕަލް ނެގި މީހާއަށް ހަމަލާ ދިން ކަމަށް ބުނާ މައްސަލައިގައި މައާފަށް އެދިވަޑައިގެންފިއެވެ.

ކޮވިޑް19އަށް ޓެސްޓުކުރުމަށް ސާމްޕަލް ނެގި ސިއްހީ ހިދުމަތްތެރިޔާއަށް މީހަކު ހަމަލާ ދިން މައްސަލައެއް ފެންމަތިވީ މި މަހުގެ ނުވަ ވަނަ ދުވަހުގެ ރެޔެވެ.

އެ މައްސަލަ މިހާރު ފުލުހުން ވެސް ތަހުގީގު ކުރަމުން އަންނައިރު، މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް އަދި ސުލޫކީ ކޮމެޓީއަށް ވެސް އެ މައްސަލަ ވަނީ ހުށަހަޅާފައެވެ.

މެމްބަރު އިކްރާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާގެ ސާމްޕަލް ނެގި ސިއްހީ ހިދުމަތްތެރިޔާ “ޝިފާނާ” އަދި ޝިފާނާގެ މަންމައާ މިއަދު ބައްދަލުކޮށްފައިވާނެ ކަމަށެވެ.

“އަދި އަޅުގަނޑަށް ބުނެވުނު/ކުރެވުނު ކަމަކަށް މައާފަށް އެދުނިން،” އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ ހިނގާދިޔަ ކަންތައްތަކާ ގުޅިގެން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އާރްއާރްޓީ ޓީމުގެ ހުރިހާ މުވައްޒަފުންގެ ކިބައިން ވެސް މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މެންބަރު އިކްރާމްގެ މައްސަލަ ބަލާދިނުމަށް މަޖިލީހުގެ ކޮމެޓީއަށް ވެސް މިއަދު ވަނީ ފޮނުވާފައެވެ. އަދި އެ ހާދިސާ ފުލުހުންވެސް ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް މާފަންނު މަދަރުސާ ތެރޭ ކޮވިޑްގެ ރިލީޒް ސާމްޕަލް ނަގަން ހުރި ރެޕިޑް ރެސްޕޮންސް ޓީމްގެ ކުއްޖަކަށް ހަމަލާދީ، މާރާމާރި ހިންގެވި ކަމަށް ބުނާ ވާހަކަ މެންބަރު އިކްރާމް އޭރު ވަނީ ދޮގު ކުރައްވާފައެވެ.

އެ ހަދިސާއަށް ފަހު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައި ވަނީ ކޮވިޑް-19 އަށް ޓެސްޓު ކުރުމުގައި ދެމުންދާ ހިދުމަތް ތަކަކީ ޕްރޮފެޝަނަލް މިންގަޑުތަކާ އެއްގޮތް ވާ ގޮތުގެ މަތިން އޯގާތެރި ކަމާއެކު ކުރަމުން ދާ މަސައްކަތެއް ކަމަށާއި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!