9 މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ

މިނިސްޓްރީގެ ފަރާތުން ހިންގާ މިސްކިތްތައް ޢިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން 9 ރަށެއްގެ މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މިހާތަނަށް އައިއިރު 2 މިސްކިތެއްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އެއީ ނ. މަގޫދޫގައި އިމާރާތް ކުރި 300 ޖާގައިގެ މިސްކިތާއި ށ. ފުނަދޫގައި އިމާރާތް ކޮށްފައިވާ 500 މީހުންގެ ޖާގައިގެ މިސްކިތް ކަމަށެވެ.

މިހާރު ކުރިއަށްދަނީ މި މިސްކިތްތަކުގެ ފައިނަލް އިންސްޕެކްޝަންގައި ފާހަގަ ކުރެވުނު ކަންތައްތައް ރަނގަޅު ކުރުމުގެ މަސައްކަތް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ޒަކާތު ފަންޑުން ޚަރަދު ކޮށްގެން އިމާރާތް ކުރަމުންދާ ލ. ގަން މިސްކިތާއި، ދައުލަަތުގެ ބަޖެޓުން ޚަރަދު ކޮށްގެން އިމާރާތް ކުރަމުންދާ ރ. ވާދޫ މިސްކިތުގައި މިހާރު ކުރިއަށްދަނީ ވަށާފާރު ރޭނުމުގެ މަސައްކަތެވެ.

މީގެ އިތުރުން އއ. ބޮޑުފޮޅަދޫ ގައި އިމާރާތް ކުރަމުންދާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ ފައުންޑޭޝަންގެ މަސައްކަތާއި ބައެއް ތަނބުތައް ޖެހުމުގެ މަސައްކަތް ކުރިއަށްދާއިރު ނ. ލަންދޫގައި އިމާރާތް ކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގައި ވުޟޫ ކުރާބައިގެ ކޮންކްރީޓް މަސައްކަތް ނިންމުމަށްފަހު ، ތަނބުތައް ކޮންކްރީޓު ކުރުމުގެ މަސައްކަތް ވެސް ބާރު ސްޕީޑުގައި ކުރިއަށް އެބަދެއެވެ.

އަދި ލ. ކަޅައިދޫ، އދ. ދަނގެތީގެ މިސްކިތުގެ ރޭނުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު ލ. ފޮނަދޫ އިމާރާތް ކުރަމުންދާ މިސްކިތުގައި މިހާރު ކުރިއަށްދަނީ ތަޅުން އެޅުމުގެ މަސައްކަތް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!