ހުޅުމާލޭ ހޮސްޕިޓަލުގެ ޓެލްކޮންސަލްޓޭޝަން ހިދުމަތް ތ. ވިލުފުށީ ސިއްހީ މަރުކަޒުގައި ފަަށައިފި އެވެ.
އެ ހިދުމަތަކީ ކޮވިޑާ ގުޅިގެން އެއް ތަނުން އަނެއް ތަނަށް ދިޔުން ބަންދުވެފައިވާތީ އަތޮޅުތެރޭގެ ރައްޔިތުން ސިއްހީ ކަންކަމުގައި މާލެއަށް އަންނަން ޖެހޭ ދަނޑިވަޅުތަކުގައި، މާލެއަށް ނައިސް އެ ހިދުމަތް ލިބޭނެ މަގުފަހި ކުރުމަށް ރާއްޖޭގައި މުޅިން އަލަށް ފަށާފައިވާ ހިދުމަަތެކެވެ.
ވިލުފުށީ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ ޝިއުތު އިބްރާހިމް ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން މީގެ ކުރިން ބުނެފައި ވަނީ އެ ހިދުމަތަކީ ދާއިމީކޮށް ކުރިއަށް ގެންދާނެ ހިދުމަތެއް ކަމަށެވެ.
އެ ހިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކުން ނަން ނޯޓު ކުރަން ޖެހެނީ އެ މަރުކަޒުގެ ނަންބަރު 6780043 އަށް ގުޅައިގެންނެވެ. އެ ސިއްހީ މަރުކަޒުން ބުނީ އެ ހިދުމަތާއިއެކު ހުޅުމާލޭގައި ބަލި މީހުން ބަލާ ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުމުގެ މަގުފަހިވެގެންދާނެ ކަމަށެވެ.
ސްޕެޝަލިސްޓް ޑޮކްޓަރުން
- އަންހެނުންގެ ހާއްސަ ޑޮކްޓަރު
- ކަށީގެ ހާއްސަ ޑޮކްޓަރު
- އެތެރެ ހަށީގެ ޑޮކްޓަރު
- ހަމުގެ ބަލިތަކުގެ ޑޮކްޓަރު
- ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު
- ކަރުންމަތީގެ ހާއްސަ ޑޮކްޓަރު
- ހިތުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު
ކޮވިޑް-19 އާ ގުޅިގެން މުޅިން އަލަށް ރާއްޖޭގައި ފަށާފައިވާ ޓެލެކޮންސަލްޓޭޝަންގެ ހިދުމަތް އެންމެ ފުރަތަމަ ދީފައި ވަނީ އައްޑޫ ސިޓީ ފުވައްމުލަކަށެވެ.