ވިކްޓިމްގެ ބަޔާން ބަދަލުކުރާ ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކައެއް: ފުލުހުން

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން އަނިޔާ ލިބުނު މީހާ ދިން ބަޔާން، ފުުލުހުން ބަދަލުކޮށްފައިވާ ކަމަށް އޭނާގެ ގާނޫނީ ވަކީލުން ކުރާ ތުހުމަތު ފުލުހުން ދޮގުކޮށްފި އެވެ.

ކެންޔާގެ އެ އަންހެން މީހާ ފުލުހުންނަށް ދީފައިވާ ބަޔާން ބަދަލުކޮށްފައިވާ ކަމަށް ތުހުމަތު ކޮށް އެކަމާއި ގުޅޭ ވީޑިއޯއެއްވެސް ވަކީލުން ވަނީ އާންމުކޮށްފައެވެ. ކެންޔާ އަންހެން މީހާގެ ވަކީލުންގެ ގޮތުގައި ހަރަކާތްތެރިވަނީ ޝަފީއާ ރިޒާ އާއި ނޫރުބާން ފަހުމީ އެވެ.

ވަކީލުން ފެންމަތިކުރި ތުހުމަތުތަކާއި ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ފުލުހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދައުރުވަމުންދަނީ ސަފާރީ މައްސަލައާ ގުޅިގެން ވިކްޓިމްއާ ސްކައިޕް މެދުވެރިކޮށް ކުރެވިފައިވާ އިންޓަވިއު ރެކޯޑިންއަށް ފަހު، ވިކްޓިމް ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަޔާން ޑްރާފްޓް ކުރުމުގެ މަރުހަލާގައި ތަހުގީގުކުރި ފަރާތްތަކުގެ މެދުގައި ދެކެވިފައިވާ ވާހަކަތަކެއްގެ ވީޑިއޯ ކްލިޕެއް ކަމަށެވެ. މިއީ ވިކްޓިމްގެ ބަޔާނަށް އުނި އިތުރު ގެނައުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ދޭހަވާ ގޮތަށް ވިކްޓިމްގެ ވަކީލުން ސޯޝަލް މީޑިއާގައި ދައްކާފައިވާ ވާހަކަތަކަކި ކަނޑައެޅިގެން ހަގީގަތާއި ހިލާފު ވާހަކަަތަކެއް ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި މި ވާހަކަތަކަކީ ވިކްޓިމް ނުވަތަ އޭނާގެ ވަކީލުންނާއި ސީދާ ކުރެވިފައިވާ މުއާމަލާތެއް ނޫން ކަމަށްވެސް ފުލުހުންގެ ބަޔާނުގަައި ބުނެފައިވެއެވެ.

“ތަހުގީގަށް ކުރެވޭ އިންޓަވިއުއެއްގައި ދައްކާފައިވާ ވާހަކަތައް ބަޔާނެއްގެ ގޮތުގައި ލިޔާއިރު އެ ވާހަކަތައް އިތުރަށް ސާފުކޮށް ކަށަވަރު ކުރުމަށް ތަހުގީގުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި މަޝްވަރާ ކުރުމާއި ބަޔާން ދޭ ފަރާތުން ދޭ ޖަވާބުތަކުގެ މައްޗަށް ތަހުގީގުކުރާ ފަރާތްތަކުން ބަޔާން ޑްރާފްޓް ކުރުމަކީ އާންމު އުސޫލުންވެސް އަމަލު ކުރެވޭ ގޮތް ކަމަށާއި އެއީ ތަހުގީގަށް ނެގޭ ބަޔާން ބަދަލުކުރުން ނޫން ކަމުގައިވެސް ދަންނަވަން،”

ފުލުހުން ބުނީ އޮންލައިންކޮށް އިންޓަވިއު ކުރުމަށް އަމަލުުރާ އުސޫލުގައި އިންޓަވިއު ކުރެވޭ މީހާގެ ބަޔާން ޓައިޕް ކުރުމަށްފަހު އެ މީހަކު ބޭނުންވާ އިސްލާހުތައް ގެނައުމަށް ބަޔާނުގެ ސޮފްޓް ކޮޕީ އީމެއިލް ކުރާ ކަމަށެވެ. އާންމުވެފައިވާ ވީޑިއޯ ކްލިޕަކީ ވަކީލުން އައްޔަން ކުރި ފަހުން، ކުރިން ތަހުގީގަށް ވިކްޓިމް ދީފައިވާ ބަޔާނުގައި ސޮއިކޮށް ނިމިފައިވަނިކޮށް އިތުުރު މައުލޫމާތު ހިމެނުމަށް ބޭނުންވާތީ ވިކްޓިމް އާއި އަލަށް އިންޓަވިއު ކުުރުމަށް އެދި ގާނޫނީ ވަކީލުން ހުށައެޅުމުން ވަކީލުންގެ ހާޒިރުގައި ކުރެވިފައިވާ އިންޓަވިއުއެއްގެ ފަހުގައި ދެވަނަ ފަހަރަށް އިންޓަވިއު ފެށުމާއި ދޭތެރޭ ތަހުގީގު ކުރި އޮފިސަރުން ބަޔާނުން އިސްލާހު ކުރުމަށް ހުށައެޅުނު ކަންކަމާއިމެދު މަޝްވަރާ ކުރަން ދެކެވުނު ވާހަކަތަކެއް ކަމަށެވެ.

ގާނޫނީ ވަކީލުންގެ މި އަމަލަކީ ވިކްޓިމްގެ ހައްގުތަކަށް އުނިކަން އަންނާނެހެން ކޮށްފައިވާ ކަމެއް ކަމަށާ އަދި މައްސަލަ ހުށައެޅުމަށް ރަސްމީކޮށް ހަމަޖެހިފައިވާ ނިޒާމުގެ ބޭރުން ވީޑިއޯ އާންމުކުރުމަކީ ފުލުހުންގެ ތަސައްވުރު ކިނލަބުވާ ގޮތަށް ހަގީގަތާއި ހިލާފު ތުހުމަތުކޮށް ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލުމަށް ކޮށްފައިވާ ނާތަހުޒީބު އަމަލެއް ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!