އޭޑީއެފްޑީގެ ދަށުން ދިވެހިރާއްޖޭގައި ހިންގާ މަޝްރޫއަކަށް ދުނިޔޭގެ ފެންވަރުގެ ސަނަދެއް

އަބޫދާބީ ފަންޑް ފަންޑް ފޯ ޑިވަލޮޕްމަންޓް (އޭޑީއެފްޑީ) ގެ ދަށުން ދިވެހިރާއްޖޭގައި ހިންގާ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއަކަށް ބައިނަލްއަގުވާމީ ފެންވަރުގައި ގުނާލެވޭ، ގްލޯބަލް އިނޮވޭޝަން އިންސްޓިޓިއުޓްގެ ސެޓިފިކޭޝަން ލިބިއްޖެއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ގުނާލެވޭ މި ސެޓިފިކޭޝަންއަކީ، މަޝްރޫއުގެ ބިނާކުރަނިވި ރޫހަށް ބަލައިގެން އެވޯޑް ކޮށްފައިވާ ސެޓިފިކޭޝަންއެއް ކަމަށް ސައުދީ ގެޒެޓްއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ގްލޯބަލް އިނޮވޭޝަން އިންސްޓިޓިއުޓްގެ ސެޓިފިކޭޝަން އެވޯޑް ކޮށްފައި ވަނީ، އޭޑީއެފްޑީގެ ދަށުން 2015 ވަނަ އަހަރު ދިވެހިރާއްޖެއަށް ދޫކޮށްފައިވާ 6 މިލިއަން ޑޮލަރުގެ ކޮންސެޝަނަލް ލޯން ސްކީމްގެ ތެރެއިން ހިންގާ، ކުނި މެނޭޖު ކުރުމާއި ހަކަތައިގެ ގޮންޖެހުންތަކާ ބެހޭ ޕްރޮޖެކްޓަކަށެވެ. މި މަޝްރޫއަކީ، ކުނީގެ ގޮތުގައި އުކާލާ ބައިން ހަކަތަ އުފެއްދުމަށް މަގުފަހިކޮށްދޭ މަޝްރޫއެކެވެ.

މަޝްރޫއު ނިމޭއިރު ވަންދޫ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި މި އިންގިލާބީ އީޖާދު ބޭނުން ކުރަމުންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މިމަޝްރޫއާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އޭޑީއެފްޑީގެ ޑައިރެކްޓާ ޖެނެރަލް މުޙައްމަދު ސައިފު އަލް ސުވައިދީ ވިދާޅުވީ، ރާއްޖެ ފަދަ ގައުމެއްގައި މި ފަދަ މަޝްރޫއެއް ހިންގަން ފަންޑު ދެވުނު ކަމަށްޓަކައި އޭޑީއެފްޑީއިން ފަޚްރުވެރިވާ ކަމަށާ، މިއީ މުޖުތަމައެއްގެ ކޮންމެ ފަރުދަކަށްވެސް ލާބައާއި މަންފާ ލިއްބައިދެނިވި ގޮތެއްގައި ތިމާވެށި ސަލާމަތް ކުރުމަށް ބިނާކުރަނިވި ހިޔާލުތައް ބޭނުން ކުރުމުގެ ރީތި މިސާލެއް ކަމަށެވެ.

އޭޑީއެފްޑީގެ ލޯން އެހީގެ ދަށުން ހިންގާ މިމަޝްރޫއުގެ ފައިދާ 122000 މީހަކަށް ކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެންމެ ފުރިހަމަ މަޝްރޫއު ހިނގައި ގަތުމަކުން އަހަރު 3.5 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވި، އަހަރެއްގެ މައްޗަށް ޖައްވަށް ބޭރުވާ ކާބަންޑައިއޮކްސައިޑްގެ ވިހަ ގޭހުގެ 9200 ޓަނު މަދު ކުރެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި މަޝްރޫއާ ގުޅިގެން، ދިވެހިރާއްޖޭގެ ތިމާވެއްޓާ ބެހޭ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތޮފާއާ ހަވާލާދީ ސައުދީ ގެޒެޓްގައި ރިޕޯޓް ކޮށްފައި ވާ ގޮތުގައި، އެޑީއެފްއަކީ ރާއްޖޭގެ ހަކަތައިގެ ސިނާއަތް ތަރައްގީ ކުރުމުގައި މުހިންމު ބައިވެރިއެކެވެ. އަދި އޭޑީއެފްގެ އެހީގައި ވަންދޫގައި ގާއިމުކޮށްފައިވާ ނިޒާމުގެ މަސައްކަތްތަކާ މެދު އެ ވުޒާރާއިން ހިތްހަމަޖެހޭ ކަމަށްވެސް ތިމާވެއްޓާ ބެހޭ ވުޒާރާގެ އޮފިޝަލާ ހަވާލާދީ ސައުދީ ގެޒެޓްގައި ވަނީ ރިޕޯޓް ކޮށްފައެވެ.

އަބޫދާބީގެ އޭޑީއެފްޑީ ފަންޑުގެ ދަށުން ރާއްޖޭގައި މަޝްރޫއުތައް ހިންގަން ފެށީ 1976 ގައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!