ސަހަރޯ: މުހައްމަދު ޤާސިމް

(ބުދަދުވަހުގެ ބަޔާއިގުޅޭ)

ލިޔުންތެރިޔާގެ ނޯޓު: މި ވާހަކައިން ފެންނާނީ، މީގެ ފަންސަވީހަކަށް އަހަރު ކުރީގެ ދުވަސްވަރެވެ. އެހެންކަމުން މި ވާހަކައިގައި ފެންނަ މާލެއާއި ރަށްފުށް، މިހާރާ އަޅައި ބަލާއިރު، ކޮންމެވެސް ވަރަކަށް ތަފާތުވާނެއެވެ. ދިރިއުޅުމުގެ ހާލަތާއި، ބޭނުންކުރާ ތަކެއްޗާއި، ކައިބޮއި އުޅުނުގޮތާއި، ލާ އަންނައުނާއި މި ފަދަ ހުރިހައި ކަމަކުން ވެސް ތަފާތުތައް ފެންނާނެއެވެ.


ނަޒީފުގެ ނަސީބު ރަނގަޅުކަމުން، އޭނާ ރަށަށް އައި އިރު، ރަށު އޮފީހުގައި ކާތިބެއްގެ މަގާމު އޮތީ ހުސްވެފައެވެ. އެހެންކަމުން އެ ވަޒީފާއަށް އޭނާ އެދުނެވެ. ހަފުތާއެއްހައި ދުވަހުގެ ތެރޭގައި ވަޒީފާ ހަމަޖެހިއްޖެއެވެ. މިހާރު ޝަކީބު ހުރީ ރަށަށް މުޅިން ހަމަޖެހިފައެވެ. އުފާވެރި ދިރިއުޅުމެއް ފެށުމުގެ މަގުމަތީގައެވެ. އަނތްބަކު ލިބިއްޖެއެވެ. ރަނގަޅު އިޚުލާސްތެރި އަނތްބެކެވެ. ގެ އެ ހުރީ މިއަދު ދާންވިޔަސް ދެވޭވަރަށް ތައްޔާރު ކުރެވެފައެވެ. ވަޒީފާ ވެސް ހަމަޖެހުނީއެވެ. ނަޒީފު ހުރީ އުފަލުން ފުރިފައެވެ.

މެންދުރު ފަހުގެ ވަގުތެވެ. އޮފީހުން ނިމިގެން ނަޒީފަށް ގެއަށް އާދެވުނުއިރު ތިނެއް ޖަހައިފިއެވެ. ރަޝްފާ އިނީ ކާން ހަދައިގެން، ނަޒީފުގެ އިންތިޒާރުގައެވެ.

“ރަޝްފާ!” ނަޒީފު ގެއަށް ވަދެ ގަމީހުގެ ގޮށްތައް ނައްޓަމުން ރަޝްފާގެ މޫނަށް ބަލައިލިއެވެ.

“ވަރަށް ބަނޑުހައިވެއްޖެ ދޯ! ހިނގާ އަވަހަށް ކާން ދާން!” ގަމީސް ބޭލުމުގައި ރަޝްފާ އެހީތެރިވާން ފެށިއެވެ.

“ރަޝްފާ ކެއީތަ؟”

“އުހުނ! އަދި ނުކަން! ނަޒީފު އައިމަ ކާންވެގެން މި އިންނަނީ.” ނަޒީފުގެ ގަމީސް ކޮނޑުގައި އަޅުވަންހުރެ ރަޝްފާ ބުންޏެވެ.

“އެހެންވިއްޔާ އަވަހަށް ހިނގާ ދާން! ކޮން އެއްޗެއް ހެދީ؟”

“ވަރަށް މީރު އެއްޗެއް ހަދާފަ ހުންނާނީ.” ރަޝްފާ ހިނިތުންވެލަމުން ނަޒީފާ ދިމާއަށް ބަލައިލިއެވެ.

“ތިހެން ބުނީމަ އަދި މާ ބޮޑަށް ހައިވެއްޖެ! ކޮބާ އާޝިޔާ ދައްތަ؟” ނަޒީފު ހިނގައިގަތީ ކާގެއާ ދިމާއަށެވެ.

“ކޮންމެވެސް މީހެއްގެ ބަނޑުގައި ރިއްސާ ވާހަކަ ބުނެގެން އެ ގޭދޮށަށް ގޮސްވީ.” ނަޒީފުގެ ފަހަތުން ރަޝްފާ ވެސް ހިނގައިގަތެވެ.

މަސްބަތަކީ އަބަދުވެސް ނަޒީފަށް ވަރަށް މީރު އެއްޗެކެވެ. އެކަން ރަޝްފާއަށް އެނގުނީ މިއަދު އާޝިޔާދައްތަގެ ފަރާތުންނެވެ. އެހެންކަމުން އޭނާ މިއަދު ނަޒީފު އަންނާންވާއިރަށް މަސްބަތް ކެއްކީއެވެ. ނަޒީފު އުފާކުރުވާށެވެ. ކަންވީ ވެސް އެހެންނެވެ. މަސްބަތްގަނޑު ފެނިފައި ނަޒީފު ވަރަށް ހިތްހަމެޖެހުނެވެ. ރަހަގަނޑު މީރުވުމުން އޭނާ ރަޝްފާއަށް ވަރަށް ތައުރީފުކުރިއެވެ.

“ކޮންދުވަހަކު ގެއަށް ބަދަލުވާނީ؟” ކާން އިނދެފައި، ރަޝްފާ އަހައިލިއެވެ.

“އަންނަ ހުކުރު ދުވަސް ކިހިނެއްވާނީ؟” ނަޒީފު އަހައިލިއެވެ.

“މައްސަލައެއްނެތް.”

“އެހެންވީމާ އަންނަ ހުކުރު ދުވަހަކީ ގެއަށް ބަދަލުވާ ދުވަސް.” ރަޝްފާ ގަޔާ ކައިރިކޮށްލަމުން ނަޒީފު ބުނެލިއެވެ.

އެ ދުވަހު ކައިގެން، ނަޒީފުގެ ދެމަފިރިން ދިޔައީ ގޭދޮށަށެވެ. ކޮށްލާން ޖެހިފައި ހުރި ކުދިކުދި ބައެއް ކަންކަން ކޮށްލުމަށެވެ. ބަދިގެ ތަރުތީބު ކޮށްލައި، ދުމަށިމަތީގައި އޮށި އަތުރައިލައި، ދުމައްޓަށް ދަރުލުން ފަދަ ކަންކަން ކޮށްލުމަށެވެ.

“މި ގޯތިތެރޭގައި ހާދަ ގަސް ގިނައޭ ދޯ!” ގޯތިތެރެއަށް ބަލައިލަމުން ރަޝްފާ ބުނެލިއެވެ.

“ބައެއް ގަސްތައް ކަނޑާލަމާ!”

“ނޫނޭ! ގަހަކީ ވަރަށް މުހިއްމު އެއްޗެއް! އަބަދާއި އަބަދު ރޭޑިޔޯއިން ވެސް އެ ގޮވަނީ ގަސްއިންދާ ހައްދަން މަސައްކަތް ކުރާށޭ. އެކަމަކު ބަދިގެއާއި ގެއާ ދޭތެރޭ އެ ހުރި ދޮންކެޔޮގަސްތައް އަހަންނަށް ފެންނަނީ، އެހެން ތަނަކަށް ބަދަލުކޮށްލަން. އެ ގަސްތައް އެތާ ހުރުމުން އެތަން އޮންނަނީ ވަރަށް ހަޑިކޮށް.”

“ކޮންތަނަކަށް ބަދަލުކުރާނީ ވެސް. މަތި ބެދިފައި އޮންނަ ތަނެއްގައި ދޮންކޭލެއް ނުހެދޭނެ.”

“އެހެންވިއްޔާ ދެން އަޅައިނުލާ! އައިސް އުޅެންފެށީމާ ރަނގަޅުވާނެ!”

ހުކުރު ދުވަހެވެ. އަމިއްލަ ގެއަށް ދިއުމަށްޓަކައި، ވާންޖެހޭ އެންމެހައި ތައްޔާރީތައް ނަޒީފާއި ރަޝްފާ ތިބީ ވެގެންނެވެ. އެ ދުވަހުގެ ހަވީރު އެ މީހުން ގެއަށް ބަދަލުވެއްޖެއެވެ. ރަޝްފާއާއި ނަޒީފުގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ދިރިއުޅުން ހަމަވައިގައި ޖެހުމުގެ ހިތްހަމަޖެހުމެވެ. ރަޝްފާއަކީ އޭނާ އެންމެ ޅައުމުރުން ފެށިގެން، މިއަދާ ހަމައަށް ވެސް ހިތާމައާއި ހިތްދަތިކަން އުފުލަމުން އައިސްފައިވާ ކުއްޖެއްކަމުން، މިއަދު އޭނާގެ ހިތަށް ވަނީ އާދަޔާޚިލާފު އުފަލެއް ލިބިފައެވެ. މިއަދު އޭނާއަކީ ވެރިއެކެވެ. ގެއެއްގެ އޮޅިގަނޑެވެ. ދިރިއުޅުމުގެ ހުންގާނެވެ.

އެރޭ އިޝާނަމާދުކޮށްލައިގެން އައިސް، އާދައިގެ މަތިން ދެމަފިރިން އެކުގައި ނާސްތާކުރިއެވެ. އެއަށްފަހު ދިރިއުޅުމާ ބެހޭގޮތުން ވާހަކަދައްކައިލާން ތިބެފައި، ނުވަގަޑިބައި އެހައިކަންހައިއިރު ދެމަފިރިން ނިދާން އޮށޯވެއްޖެއެވެ. މާ ގިނައިރެއް ނުވަނީސް ނަޒީފަށް ނިދިއްޖެއެވެ. މިއަދު އެހައި ބުރަކޮށް އުޅުނީމާ މާބޮޑަށް ވަރުބަލިވީކަން ވެސް ނޭނގެއެވެ.

ނަޒީފަށް ނިދުނުއިރު ވެސް، ރަޝްފާގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ސިކުނޑިއަކު އެއްވެސް ޚިޔާލެއް ފިކުރެއް އޮވެގެނެއް ނޫނެވެ. ހަމަ ނިދި ނާންނަނީއެވެ. ދިހަގަޑި ބައިވިއިރު ވެސް އެނދުގައި ފުރޮޅި ފުރޮޅި އޮވެވުނީއެވެ.

އެގާރަ ޖެހުމާއެކު ރަށުން ކަރަންޓު ކަނޑާލައިފިއެވެ. ގޭތެރޭގައި މިހާރު ހުރީ ކަނިކޮށްފައި ހުރި ފުޅިބައްތިއެއްގެ އައްޔެވެ. ފަނޑު އައްޔެކެވެ. ރަޝްފާ ދެ ލޯ މަރައިލިއެވެ. ނިދޭތޯއެވެ. އެގޮތަށް ވެސް އެތައް އިރަކު އޮވެވިއްޖެއެވެ. ނުނިދުނެވެ. އެންމެ ފަހުން އޭނާ ތެދުވެއްޖެއެވެ. ގިފިއްޔަކަށް ދާން ޖެހިގެންނެވެ.

ރަޝްފާ ތެދުވެ ދެ ފަހަރަކު ނަޒީފަށް ގޮވައިލިއެވެ. ނަޒީފު އޮތީ ވަރަށް އަރާމު ނިންޖަކުން ނިދާލައިފައެވެ. އެހެންކަމުން ރަޝްފާ ނިންމީ ނަޒީފަށް މި ވަގުތު އުނދަގޫ ނުކުރުމަށެވެ. މަޑުމަޑުން ތެދުވެގެން ގިފިއްޔާދިމާއަށް، އެކަނިމާ އެކަނި ހިނގައިގަތީ އެހެންވެގެންނެވެ.

އެގާރަގަޑި ބައި، ބާރަޖަހައި އެހައިކަންހައިއިރު ރަށްފުށުގެ ގިނަ ރަށްރަށް އޮންނާނީ ނިދައި މަރުވެފައެވެ. ރަށުތެރެއަކުން މީހެއްގެ އަޑެއްބަޑެއް ވެސް ނީވޭނެއެވެ. ރަޝްފާ މަޑުމަޑުން ހިނގާލާފައި ގޮސް ގިފިއްޔަށް ވަންއިރު، ދުނިޔެއަށް ވެރިވެފައިވާ އަނދިރިކަމަށްވުރެ، ގިފިލީގެ އަނދިރިކަން ބޮޑެވެ. ގޯތިތެރޭގައި ހުރި ބިޔަ ގަސްތަކުގެ ސަބަބުންނެވެ. ގިފިލިތެރެ އޮތްލެއް އަނދިރިކަމުން، ގިފިއްޔަށް ވަނުމަށް ރަޝްރާ ޖެހިލުންވިއެވެ. އެހެންނަމަވެސް ކުޑައިރުކޮޅަކު ހުރެލާފައި، އެންމެ ފަހުން ވަނީއެވެ.

ވަޅު ކައިރީގައި އަޅާފައި އޮތް ތަޅުންގަނޑުމައްޗަށް އެރިތަނާ ރަޝްފާ އަރިއަޅާލައިފިއެވެ. ހީވީ މީހަކު ކޮއްޕާލީމާ އަރިއަޅައިލި ހެންނެވެ. އޭނާ ނުވެއްޓި ސަލާމަތްވީ ހަމަ ކިރިޔާއެވެ. އޭނާ އަވަސްއަވަސް ކޮށްލައިގެން ގިފިލިން ނިކުމެއްޖެއެވެ. ގެއަށް ވަދެ އެނދުގައި ރަނގަޅަށް ނުވެސް އޮށޯވެވިގެން އުޅެނިކޮށް އިވުނީ، ވަޅަށް ދާނި ގަންބާލިއަޑެވެ. އެ އަޑު ކަންފަތުގައި ޖެހުމާއެކު، ރަޝްފާގެ ހަށިގަނޑަށް ހުއްޓުން އަރައިފިއެވެ. ފެން ދާންޏެއްނަގައި ތަޅުންގަނޑުމައްޗަށް އަޅާލައިފިއެވެ. އަނެއްކާ ވެސް ދާނި ގަންބާލިއަޑު އިވިއްޖެއެވެ. މި ގޮތަށް ތިން ދާނި ފެން ނެގުމަށްފަހު، ދެން އިވުނީ، ދާނި ބޭއްވިއަޑެވެ. ދެން އިތުރު އަޑެއް ނީވުނެވެ.

ރަޝްފާ އެނދުގައި އޮށޯތެވެ. އިތުރު އަޑެއް އިވޭތޯ ސަމާލުކަން ދީގެން އިރުކޮޅަކު އޮތުމަށްފަހު، ޚަބަރެއް ނުވުމުން ނަޒީފަށް ގޮވަންފެށިއެވެ. ނަޒީފަށް ހޭލެވުނީ އިރުގަނޑަކު ގޮވުމުންނެވެ.

“ކޮންމެވެސް މީހަކު ދެންމެ ގިފިލިން ފެން ނަގާއަޑު އިވިއްޖެ!” ވައިއަޑުން ރަޝްފާ ބުންޏެވެ.

“ފެން ނެގިއްޔޭ؟”

“އާނއެކޭ! ތިން ދާނި ފެން ނެގި.”

“ހޫނ! ތި ވާނީ އަތިރިއަށް އެރިގެން އައި މީހަކަށް. ގަޑިން ކިހައި އިރެއްތަ؟” ނަޒީފު އާފުރެލުމަށްފަހު މޯޅިއަކަށް ދެމިލިއެވެ. އަޑުގައި ހުރީ ނިދީގެ ކަންނެތްކަމެވެ.

“ބާރަގަޑި ބައިވަނީ.” ރަޝްފާ ގަޑިއަށް ބަލައިލިއެވެ.

“އަދިވެސް ނުނިދާތަ ތި އުޅެނީ؟”

“ގިފިއްޔަކަށް ދާންޖެހިގެން ގޮސްފައި މިއައީ….”

“ދެން އަވަހަށް ނިދާ! ފަތިހު ތެދުވާން ޖެހޭނެ!” ރަޝްފާއާ އަދިވެސް ބޮޑަށް ގާތްވެލުމަށްފަހު، ނަޒީފު ހަމަޖެހިލިއެވެ. ރަޝްފާ ދެ ލޯ މަރައިލިއެވެ. ގިނަ އިރުތަކެއްނުވެ އޭނާއަށް ނިދިއްޖެއެވެ.

(ނުނިމޭ)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!