(ހޯމަ ދުވަހުގެ ބަޔާއި ގުޅޭ)
ލިޔުންތެރިޔާގެ ނޯޓު: މި ވާހަކައިން ފެންނާނީ، މީގެ ފަންސަވީހަކަށް އަހަރު ކުރީގެ ދުވަސްވަރެވެ. އެހެންކަމުން މި ވާހަކައިގައި ފެންނަ މާލެއާއި ރަށްފުށް، މިހާރާ އަޅައި ބަލާއިރު، ކޮންމެވެސް ވަރަކަށް ތަފާތުވާނެއެވެ. ދިރިއުޅުމުގެ ހާލަތާއި، ބޭނުންކުރާ ތަކެއްޗާއި، ކައިބޮއި އުޅުނުގޮތާއި، ލާ އަންނައުނާއި މި ފަދަ ހުރިހައި ކަމަކުން ވެސް ތަފާތުތައް ފެންނާނެއެވެ.
“އެކަމަކު ގެއާހަމައަށް ދެވިގެންތާ ކައިއެއްޗެއް ވެސް ލިބޭނީ. ކޮންތާކަށް ދަނީ؟” ޝަކީބު އަހައިލިއެވެ.
“ގެއަށް ދާނީ. އެ ތަން އެ ގޮތަށް ފަޅަށް ހުންނާތީވިއްޔަ އަންނަން ވެސް މި ޖެހުނީ”
“ތި ހެން ގޮސް އެ ތާކު އަދި ނޫޅެވޭނެ. މީހަކު ފައިދޮވެލާން ވެސް އެގެއަށް ވަދެނުލައިތާ މިހާރު ދެ އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ. ވަރަށް ހަޑިކޮށް އޮންނާނީ ވެސް. މަށަށް ފެންނަނީ އިހަށް އަހަރެމެން ގޭގައި މަޑުކުރަން.”
“މައްސަލައެއް ނެތް. ޝަކީބަށް ފެންނަ ގޮތެއް. ދޯ ރަޝްފާ!” ރަޝްފާއަށް ނިތް އެއްލަމުން ނަޒީފު ބުންޏެވެ. ރަޝްފާ ބޯޖަހައިލިއެވެ.
“ގެއާއި ގޯތިތެރެ ރަނގަޅަށް ސާފުކޮށްލާފައި ރަނގަޅު އިރުވަރެއްގައެއްނު ދާން ވާނީ ވެސް.”
“އާނ! އެއްކަލަ ތަހުޒީބުނުވާ މީހާއާ ޖެހިފައި މިހިރީ. ރަނގަޅު ވަހުތާނެއް ވެސް ޖަހަންވާނެ ދޯ!” ނަޒީފު މަލާމާތް ކޮށްލިއެވެ.
“އެއީ ތަހުޒީބު ނުވުމެއްނޫނޭ! ކޮންމެކަމެއް ކުރާއިރު ވެސް، ކަމުގެ ދެކޮޅު ބަލަންވާނެ. ހަލާދަނޑީގެ ދެކޮޅު ބަލަންވާނެޔޭ ބުނާއަޑެއް ނާހަމުތަ؟”
“ކޮންމެހެން އިރުވަރު ބަލައި، ވަރުވާކަނުގައި އަކަ ކުރަހައި ނުހެދިޔަސް، ތަން ރަނގަޅަށް ސާފުކޮށްލައި ހެދީމާ އެ ހުރީ ނިމިފަ. ދެން ކޮން ސަކަރާތެއް ޖަހާކަށް. މި ޒަމާނުގައި ތި ކަހަލަ ކަމެއް ކުރާތަން ފެނިއްޖެއްޔާ، މީހުން މަލާމާތް ވެސް ކުރާނެ!”
މިހައި ހިސާބަށް ވާހަކަ ދިޔައިރު، ޝަކީބުމެން ގެއާ އަރައި ހަމަވެއްޖެއެވެ. ގެއަށް ވަނުމާއެކު، ފުރަތަމަ ވެސް ބައްދަލުވީ ޝަކީބުގެ މަންމަ އާޝިޔާއާއެވެ.
“އާޝިޔާ ދައްތާ!” ނަޒީފު ގޮވާލިއެވެ.
“ނަޒީފު! އަންގައި ވެސް ނުލައި ތި އައީ” ނަޒީފު ފެނުމުން އާޝިޔާގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ.
“ވަރަށް ކުއްލި ގޮތަކަށް އަންނާން ޖެހުނީމަ އަންގައި ނުލެވުނީ.”
“ކިހައި ދުވަހަކަށް ތި އައީ؟”
“މި ފަހަރު މި އައީ ނުދާގޮތަށް. އެއްކޮށް މި ކޮޅަށް ބަދަލުވީ.” ގޮނޑިމަތީގައި ދަބަސް ބަހައްޓަމުން، ނަޒީފު ހިނިތުންވެލިއެވެ.
“މިއީ ކޮން ކުއްޖެއް؟ އަންހެނުންތަ؟” ރަޝްފާއާ ދިމާއަށް ބަލައިލަމުން، އާޝިޔާ އަހައިލިއެވެ. ލަދުރަކި ހިނިތުންވުމަކާއެކު ރަޝްފާ އިސްއޮބައިލިއެވެ.
“އަދި އަންހެނުންނެއް ނޫން! އެކަމަކު ވަރަށް އަވަހަށް އިންނާން ކަމަށް.”
“މަންމާ! ވަރަށް ބަނޑުހައިވެފަޔޯ ނަޒީފު އެހެރީ. މާ ގިނަ ސުވާލުތައް ނުކޮށް އަވަހަށް އޭނައަށް ކާއެއްޗެއް ދޭންއުޅޭ!” ސަމާސާ ރާގަކަށް ޝަކީބު ބުނެލިއެވެ.
“އެހެންތަ؟ ހިނގާ އަވަހަށް ކާން އުޅެމާ!” އާޝިޔާ ހިނިތުންވެލަމުން، އައިސް ރަޝްފާގެ އަތުގައި ހިފިއެވެ. “ކޮންނަމެއް ކިޔަނީ؟”
“ރަޝްފާ!” އާޝިޔާއާ ހަތަރުކަޅި ހަމަކޮށްލަމުން، ރަޝްފާ ބުންޏެވެ.
“ހިނގާ ކާންދާން! ނަޒީފު ވެސް ހިނގާ! އާޝިޔާދައްތަ ވެސް ބޭރަށްދާން އުޅެނިކޮށް ތި އާދެވުނީ.” އާޝިޔާ ހިނގައިގަތުމުން، ނަޒީފާއި ރަޝްފާ ފަހަތުން ހިނގައިގަތެވެ. ކާގެއާ ދިމާއަށެވެ.
“ކޮންތަނަކަށް ދާން ތި އުޅެނީ؟” މޭޒުދޮށުގައި އިށީންނަމުން ނަޒީފު އަހައިލިއެވެ.
“އިއްޔެ ވިއްސި މީހެއްގެ ހާލުބަލައިލާން ވެގެން. ވަރަށް ގިނައިރުން ވިހުނު މީހެއްވީމަ، ތަންކޮޅެއް ބޮޑަށް ސަމާލުކަން ދޭންޖެހޭނެއެއްނު.”
“އާޝިޔާ ދައްތަ ނޫން ފޫޅުމަޔަކު އަދިވެސް ނުހުރޭތަ؟ ޅަކުދިން އެ ކަހަލަ ކަންކަމަށް މާބޮޑު ތަރުހީބެއް ނުދޭ ދޯ!”
“ނޫނޭ! މިހާރު އެބައުޅޭ އެހެން ކުއްޖަކު ކޯސް ހަދައިގެން އައިސް.”
“އަހަރެން މި ގަސްދުކުރަނީ ގޭތެރެ ހަމައަކަށް އަޅުވައިލެވެންދެން މި ގޭގައި މަޑުކޮށްލަން ކަމަށް.” ކާމޭޒު ދޮށުގައި ނަޒީފު ޖައްސައިލިއެވެ.
“އާނ! ހަމަ ތިބެންވީ. މި ގެއަކު ނޯންނާނެ ތި ކުދިންނަށް މަނާ އެއްވެސް ކަމެއް.”
އެ ދުވަހުގެ ހަވީރު ރަޝްފާއާއި ނަޒީފު ގޭ ދޮށަށް ދިޔައެވެ. ތަންތަން ހުރި ނެތްގޮތް ބަލައިލާށެވެ. އެ ގެއަކީ ރަށުގެ އިރުމަތީ ފަރާތުން އެންމެ ބިއްދޮށަށް ހުންނަ ގެއެވެ. އެ ގޭ އެއް ފަރާތުގައި އޮންނަނީ ބޯ ޖަންގައްޔެވެ. ބިޔަ ގަސްތަކެވެ. ކުކުޅު ހާ ނިދަންއަރާ ގަސްތަކެވެ.
އެ ރަށުގެ ނިސްބަތުން ބަލާއިރު އެ ގޯއްޗަކީ ކުޑަ ގޯއްޗެކޭ ނުބުނެވޭނެއެވެ. މުޅި ގޯތި ފުރިފައި ވަނީ، ގަސްގަހާގެއްސާއި ރުއްރުކުންނެވެ. ބަނބުކެޔޮގަހާއި ހިރުނދުގަހެވެ. މިދިލިގަހާއި ދުނބުރި ގަހެވެ. އަދިވެސް ތަފާތު ވައްތަރުވައްތަރުގެ ގަސްތަކުން މުޅި ގޯތިތެރެ ވަނީ ހިޔާވެފައެވެ. ސާފުކޮށް ބަލަހައްޓާނޭ މީހަކު ނެތީތީ، މުޅި ގޯތިތެރެ މިހާރު ހީވަނީ ކުނިގޮނޑެއް ހެންނެވެ.
ގެއަކީ އާދައިގެ ގޮތަކަށް ހަދާފައިހުރި ގެއެކެވެ. ގޭގައި ދެ ކޮޓަރި ހުރެއެވެ. ދެން އޮތީ، ސިޓިންރޫމެއް ގޮތަށް ބޭނުން ކުރެވޭ ކަހަލަ ތަންކޮޅެކެވެ. ގިފިއްޔާއި ބަދިގެ ހުންނަނީ، ގޭ ބިއްދޮށު ފަރާތުގައި ވަކިންނެވެ. ގެއާއި ބަދިގެއާ ދޭތެރޭގައި، ބޮޑު ދޮންކެޔޮ ފީންޏެއް ހައްދާފައި ހުއްޓެވެ. ބަލަހައްޓާނޭ މީހަކު ނެތުމުގެ ސަބަބުން، ހިކިފައި ހުރި ފަތްތަކާއި ވެރިފައި ހުރި ފަތްތަކުން، އެތަން ވެސް އޮތީ ގޮނޑަކަށް ވެފައެވެ. ގަސްތައް ވެސް ހެދެންވާގޮތަކަށް ނުހެދެއެވެ.
މަކުނުވަލާއި ހިރަފުސްބުރައި، މުޅި ގޭތެރެ ވެސް އޮތީ ވަރަށް ބޮޑަށް ހަޑިވެފައެވެ. ގޭތެރޭގައި ވަނީ، ފާޑެއްގެ ނުބައި ވަހެއް ވެސް ހިފާފައެވެ. އަލިވައްދާނޭ ތަންތަން މަދުކަމުން ގޭތެރެ އޮތީ ވެސް ވަރަށް އަނދިރިކޮށެވެ. ބިރުވެރި ފާޑަކަށެވެ. އެހެންކަމުން ރަޝްފާއަކަށް ގޭތެރެއަށް ވަންނާކަށް ނުކެރުނެވެ.
“މާދަމާ ޝަކީބު ގޮވައިގެން އައިސް ސާފުކުރަންވާނީ.” ނަޒީފު ގޭތެރެއިން ނިކުމެ، ރަޝްފާ ގާތު ބުންޏެވެ.
“މާދަމާ ޝަކީބު މަހަށް ދާނެއެއްނު!”
“އަހަރެން މަޑުކުރަން ބުނެފިއްޔާ މަޑުކުރާނެ! އަނެއް ދުވަހަކީ ހުކުރު ދުވަހެއްނު. ދެ ދުވަހެއްގެ ތެރޭގައި ހިވަނީ ނިންމާލެވޭނެހެން. ހިނގާދެން ދާން!”
އެ ރޭ ނަޒީފާއި ޝަކީބު ހަރަކާތްތެރިވަމުން ގެންދިޔައީ ނަޒީފުގެ ކައިވެނީގެ ކަންތަކުގައެވެ. ޖެހިގެން އައި ދުވަހު ވަރަށް އާދައިގެ ގޮތަކަށް ކައިވެނީގެ ކަންތައް ނިންމާލައިފިއެވެ. ކުޑަ ވަރެއްގެ ސަޔެއް ވެސް ހެދިއެވެ. ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިންގެ ހިތް އުފާކޮށްލުމަށް ޓަކައެވެ.
ނަޒީފު އެދުނު އެދުމަކަށް، ރަށުގައި ހުރެގެން އޭނާއާއެކު ގޭގެ މަސައްކަތުގައި ޝަކީބު ހަރަކާތްތެރިވިއެވެ. ގެއާއި ގޯތިތެރެ ސާފުކޮށް، ކޮންމެހެން މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކޮށް، މި ވަގުތަށް ފުއްދައިލެވޭ ވަރަށް، ގެއަށް ބޭނުންވާ ސާމާނު ހޯދައިފިއެވެ. މި މަސައްކަތްތަކުގައި ރަޝްފާ ވެސް ވަރަށް ފުރިހަމައަށް ބައިވެރިވަމުން ގެންދިޔައެވެ. ފައިސާގެ ގޮތުން ވެސް ޝަކީބުގެ އެހީތެރިކަން ލިބުނެވެ.
ނަޒީފުގެ ނަސީބު ރަނގަޅުކަމުން، އޭނާ ރަށަށް އައި އިރު، ރަށު އޮފީހުގައި ކާތިބެއްގެ މަގާމު އޮތީ ހުސްވެފައެވެ. އެހެންކަމުން އެ ވަޒީފާއަށް އޭނާ އެދުނެވެ. ހަފުތާއެއްހައި ދުވަހުގެ ތެރޭގައި ވަޒީފާ ހަމަޖެހިއްޖެއެވެ. މިހާރު ޝަކީބު ހުރީ ރަށަށް މުޅިން ހަމަޖެހިފައެވެ. އުފާވެރި ދިރިއުޅުމެއް ފެށުމުގެ މަގުމަތީގައެވެ. އަނތްބަކު ލިބިއްޖެއެވެ. ރަނގަޅު އިޚުލާސްތެރި އަނތްބެކެވެ. ގެ އެ ހުރީ މިއަދު ދާންވިޔަސް ދެވޭވަރަށް ތައްޔާރު ކުރެވެފައެވެ. ވަޒީފާ ވެސް ހަމަޖެހުނީއެވެ. ނަޒީފު ހުރީ އުފަލުން ފުރިފައެވެ.
މެންދުރު ފަހުގެ ވަގުތެވެ. އޮފީހުން ނިމިގެން ނަޒީފަށް ގެއަށް އާދެވުނުއިރު ތިނެއް ޖަހައިފިއެވެ. ރަޝްފާ އިނީ ކާން ހަދައިގެން، ނަޒީފުގެ އިންތިޒާރުގައެވެ.
“ރަޝްފާ!” ނަޒީފު ގެއަށް ވަދެ ގަމީހުގެ ގޮށްތައް ނައްޓަމުން ރަޝްފާގެ މޫނަށް ބަލައިލިއެވެ.
“ވަރަށް ބަނޑުހައިވެއްޖެ ދޯ! ހިނގާ އަވަހަށް ކާން ދާން!” ގަމީސް ބޭލުމުގައި ރަޝްފާ އެހީތެރިވާން ފެށިއެވެ.
(ނުނިމޭ)