(ބުދަދުވަހުގެ ބަޔާއިގުޅޭ)
ލިޔުންތެރިޔާގެ ނޯޓު: މި ވާހަކައިން ފެންނާނީ، މީގެ ފަންސަވީހަކަށް އަހަރު ކުރީގެ ދުވަސްވަރެވެ. އެހެންކަމުން މި ވާހަކައިގައި ފެންނަ މާލެއާއި ރަށްފުށް، މިހާރާ އަޅައި ބަލާއިރު، ކޮންމެވެސް ވަރަކަށް ތަފާތުވާނެއެވެ. ދިރިއުޅުމުގެ ހާލަތާއި، ބޭނުންކުރާ ތަކެއްޗާއި، ކައިބޮއި އުޅުނުގޮތާއި، ލާ އަންނައުނާއި މި ފަދަ ހުރިހައި ކަމަކުން ވެސް ތަފާތުތައް ފެންނާނެއެވެ.
ޖެހިގެން އައި ދުވަހެވެ. ރަޝްފާގެ އިންތިޒާރުގައި މާ ގިނަ ވަގުތުތަކެއް ހޭދަކުރާކަށް ނަޒީފަކަށް މިއަދަކު ނުޖެހުނެވެ. ރަޝްފާ އަންނަތަން ފެނިއްޖެއެވެ. ނަޒީފުގެ ހިތުގައި އުފާވެރިކަމުގެ ރާގެއް ކުޅޭން ފެށިއެވެ. ހިތުގައި އާ ބާވަތެއްގެ ވިންދެއް ޖަހާން ފެށިއެވެ. ހިތް ބުނަމުން ދިޔައީ އުފާވެރި ޖަވާބަކުން ހިތް ފުރާލަދީފައި ނޫނީ، މިއަދު ރަޝްފާ އެނބުރި ނުދާނޭކަމަށެވެ.
“ކޮބާ ޖަވާބު؟” ފުރަތަމަ ވެސް ނަޒީފަށް އަހައިލެވުނީ އެ ވާހަކައެވެ. ރަޝްފާގެ ތުންފަތް މައްޗަށް ލުއިލުއި ހިނިތުންވުމެއްގެ އަސަރު ވެރިވިއެވެ.
“ފުރަތަމަ ވެސް އެ ވާހަކަ ދޯ!”
ރަޝްފާ ހިނިތުންވެލި ގޮތާއި ކުރި ސުވާލުގެ ސަބަބުން ނަޒީފުގެ ހިތަށް ކުޑަ ލަދުވެތިކަމެއް ވެރިވިއެވެ. އެހެންނަމަވެސް އަންހެންކުއްޖެއްގެ ކުރިމަތީގައި ލަދުރަކިވުމަކީ ފިނޑި ކަމެއްކަމަށް ވިސްނާފައި އޭނާ އަވަސް އަވަހަށް ހަމަޖެހިލިއެވެ.
“އެ ސުވާލުގެ ޖަވާބަށްފަހުގައޭ އިތުރު ވާހަކައެއް ދެއްކޭން އޮތީ.” ނަޒީފު ހިނިތުންވެލިއެވެ.
“އަހަރެން އެކަމާ ވިސްނައިފިން.” ރަޝްފާ އިރުކޮޅަކު ހުރެފައި އިސްއޮބައިލިއެވެ. “އެކަމަކު ނަޒީފަކީ ކޮންކަހަލަ ކާކުކަމެއް ވެސް އަދި އަހަންނަކަށް ނޭނގޭ!”
އެދުވަހު ނަޒީފު، އޭނާގެ ހާލަތު ވަރަށް ރަނގަޅަށް ރަޝްފާއަށް ކިޔައިދިނެވެ. އޭނާ ބޭނުންވާ ގޮތް ވެސް ބުނެދިނެވެ. ރަޝްފާ ބޭނުން ނަމަ މިހާރުން މިހާރަށް ވެސް ރަޝްފާއާ ކައިވެނިކޮށްގެން ރަށަށް ބަދަލުވާން ބޭނުންވާ ވާހަކަ ވެސް، ސީދާ ގޮތެއްގައި ހުށައެޅިއެވެ.
“އަހަންނަށް ވެސް ތި ފަދަ ބައިވެރިޔަކަށް އެބަ އިންތިޒާރުކުރެވޭ. މާލޭގައި ދިރިއުޅުމަކީ އަހަރެން އެހައި ކުރާހިތްވާ ކަމެއް ނޫން!”
ނަޒީފުގެ ހިތުގައި އުފާވެރިކަމުގެ ރާގެއް ކުޅޭން ފަށައިފިއެވެ. ހަށިގަނޑުގެ އެންމެ ހިމަ ނާރާއެކު، އުފާވެރިކަމުގެ އާރެއް ހިނގައިގެންފިއެވެ. މޫނުމަތިން ކިތަންމެ ރަނގަޅަކަށް ވެސް އެކަމުގެ އަސަރު ފާޅުވެގެން ދިޔައެވެ. ރަޝްފާއަށް ވެސް އެކަން ފާހަގަކުރެވުނެވެ.
“ރަޝްފާ ތި ހާލުގައި އެންމެ ދުވަހަކުވެސް ބައިންދާކަށް އަހަރެން ބޭނުމެއް ނޫން! ރަޝްފާއަށް ކެރޭނެތަ މަށާއެކު އަހަރެމެން ރަށަށް ދާން؟”
ރަޝްފާ ބޯ ޖަހައިލިއެވެ. ނަޒީފަށް ފުރިހަމަ އިތުބާރު ކުރަމުންނެވެ. ދެރަގޮތެއް ނުހަދާނޭކަމަށް ހިތުގެ އަޑިން ކަށަވަރު ކުރަމުންނެވެ.
“ނޭނގެ މި ވީ ގޮތެއް ވެސް. އަހަންނަށް ނަޒީފަށް ވަރަށް ބޮޑަށް އިތުބާރު ކުރެވޭން ފަށައިފި.”
ނަޒީފާއި ރަޝްފާގެ ނަސީބު ވަރަށް ރަނގަޅެވެ. ރަށު ދޯންޏެއް މާލެ އައިސް އެބަ އޮތެވެ. ދޯނި ފުރަން ހަމަޖެހިފައިއޮތީ، ތިން ދުވަހެއް ފަހުންނެވެ. ނަޒީފު ގެއަށް އައީ ދޯނީ މީހުންނާ ވާހަކަދައްކައިގެން ރަށަށް ދިޔުމުގެ ކަންތައް ހަމަޖެއްސުމަށްފަހުގައެވެ. ކޮޓަރިއަށް ވަދެ މޭޒުދޮށުގައި އިށީނދެ ނޯޓެއް ލިޔެލައިފިއެވެ. ރަޝްފާއަށް އެޑްރެސްކޮށްފައެވެ. ދޯންޏެއް އައިސް އޮތް ވާހަކައާއި، ފުރަން ހަމަޖެހިފައިވާ ދުވަހާއި، އަދި ރަޝްފާ ކަންތައްކުރާންވީ ގޮތުގެ ވާހަކަ ވެސް ލިޔެލައިފިއެވެ.
އިޝާނަމާދަށް ބަންގި ގޮވާން ފެށުމުގެ ކުރިން ރަޝްފާމެން ގޭދޮށަށް ނަޒީފު ދިޔައެވެ. ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން، ރަޝްފާގެ އިންތިޒާރުގައި އޭނާ އިންދައި، ބަންގިގޮވާން ފަށައިފިއެވެ. ނަޒީފަށް ބަލައިލެވުނީ ދޮރޯއްޓާ ދިމާއަށެވެ. އެއިރު ދޮރޯށި ހުޅުވާލައިފައި ރަޝްފާ ނިކުންނަނީއެވެ. ނަޒީފު އަވަސް އަވަހަށް ބައިސްކަލު ދުއްވާލައިފިއެވެ. ރަޝްފާއާ ދިމާއަށެވެ. އަތުގައި އޮތް ކަރުދާސްކޮޅު ވައްޓާލުމަށްފަހު، މަޑު ވެސް ކޮށްލުމެއް ނެތި ދިޔަ ގޮތަށް ހިނގައްޖެއެވެ.
ރަޝްފާ ކުޑައިރުކޮޅަކު ހުރުމަށްފަހު، މަގުގެ ދެކޮޅު ބަލައިލައިފައި، އެއްކަލަ ކަރުދާސްކޮޅު ނަގައި، އަތުތެރޭގައި ގުޅަވަށާލައިގެން، ގޭތެރެއަށް ވަދެއްޖެއެވެ.
މި ރެއަކީ ބޮޑު ރެއެކެވެ. ރަޝްފާއާއި ނަޒީފަށެވެ. އުޅެބޮޑުވި ފަސްގަނޑު ދޫކޮށް، ދުވަހަކު ނުދާ ރަށަކަށް، ނުދަންނަ ބައެއްގެ ގާތަށް ދިޔުމަށް ފުރާ ރެއެވެ. ނަތީޖާ ނިކުންނާނީ ކިހިނެއް ބާވައެވެ؟ އޭނާގެ ހިތަކު ނުތަނަވަސްކަމެއް ނެތެވެ. ކަންބޮޑުވުމެއް ނުވެއެވެ. ލިބިފައި ވަނީ ހިތްހަމަޖެހުމެވެ. ހަސަންދީގެ ބިރުވެރި ވަކިތަކުން ސަލާމަތް ވެވޭތީއެވެ. ހަސަންދީ އޭނާއަށް ދީފައިވާ މުހުލަތު ހަމަވާކަށް ދެނެއް ގިނަ ދުވަހެއް ނެތެވެ.
ގަޑިން ތިނެއް ޖެހުމާއެކު، ކުޑަ ދަބަހެއް ކޮނޑުގައި އަޅުވާލައިގެން ވަރަށް މަޑުމަޑުން ރަޝްފާ ބޭރަށް ނިކުމެއްޖެއެވެ. އޭރު ނަޒީފު ހުރީ، އޭނާގެ އިންތިޒާރުގައެވެ. ނަޒީފު ވަގުތުން އައިސް ރަޝްފާގެ އަތުގައި އޮތް ދަބަހުގައި ހިފައިފިއެވެ.
“ކޮބައި ހަސަންދީ؟” ދެ މީހުން އަވަސް އަވަހަށް ހިނަގއިގެންފިއެވެ. އެ ހަނިގޯޅިން ނިކުތުމަށެވެ. ޓެކްސީއެއް އަތުޖެހޭތޯއެވެ.
“ނަސީބަކުން މި ރޭ ވަރަށް އަވަހަށް ނިދައިފި. ބޮލުގައި ރިއްސާތީއޭ ކިޔާފައި އަށެއް ޖެހިތަނާ ކައިގެން ކޮޓަރިއަށް ވަދެއްޖެ.” ވައިއަޑުން ރަޝްފާ ބުންޏެވެ. އޭރުވެސް އޭނާގެ މޭ ޑަގަޑަގަ ލަމުން ގެންދެއެވެ. އެކަމުގެ އަސަރު، އޭނާގެ އަޑަށް ވެސް ވަނީ ކޮށްފައެވެ.
މާއެނބޫދޫއަށް އެ މީހުންނަށް ދެވުނީ އަނެއް ދުވަހުގެ ހަވީރު ހަތަރެއް ޖެހި ފަހުންނެވެ. ނަޒީފާއި ރަޝްފާ ފާލަމަށް ފޭބިއިރު، އޭނާގެ އެކުވެރި ޝަކީބު އައިސް އަތިރިމަތީގައި ހުއްޓެވެ.
“މީ ދޯ މި ވީ ގޮތަކީ!” ނަޒީފު ފޭބުމުން، ސަލާމްކޮށްލަމުން ޝަކީބު ހިނިތުންވެލިއެވެ.
“ކިހިނެއްވީ؟” ޝަކީބާ ދިމާއަށް ނަޒީފު ބަލައިލިއެވެ.
“މިއަދު ހަމައެއްގޮތަކަށް ވެސް މަހަށް ދާހިތެއްނުވި. ކީއްވެގެން ކަމެއް ވެސް ނޭނގުނު.”
“މިހާރު އެނގިއްޖެއެއްނު.” ނަޒީފު ހީނލިއެވެ.
“އާނ! އެކަމަކު އަންގައި ވެސް ނުލާވިއްޔަ ތި އައީ.”
“އެންގިޔަސް ވާނީ ހަމަ މި ވަރެއްނު. އެންމެ ފުރަތަމަ މި ސަލާންކޮށް ލެވުނީ ޝަކީބާ ވިއްޔަ.”
“އޭތް! މިހާރު މީހަކާ ވެސް އިނީތަ؟” ރަޝްފާއާ ދިމާއަށް ބަލައިލަމުން، އޭނާގެ ލާނެތް ވައްތަރަށް، ވައިއަޑުން އަހައިލިއެވެ.
“ޝަކީބަށް ނާންގައި އެކަހަލަ ކަމެއް ކުރާނޭހެން ހީވޭތަ؟”
“އެއެއް ކިހިނެއް އެނގޭނީ. މިކަހަލަ ރީތި ކުއްޖަކު ފެނުނީމާ…..” ޝަކީބު ސަމާސާ ރާގެއްގައި މިހެން ބުނިއަޑު، ފަހަތުގައި ހުރި ރަޝްފާއަށް ވެސް އިވުނެވެ. އެކަމަކު އިވުނުކަމަށް އޭނާ ނުހަދައެވެ.
“ދެން ހިނގާ އެއްގަމަށް ދާން!”
ފޮށި ތަންމަތި ހިފައިގެން ތިން މީހުން ހިނގައިގެންފިއެވެ. އެއްގަމާ ދިމާއަށެވެ.
“މިއީ ކޮންކުއްޖެއް؟” ނަޒީފުގެ ކަންފަތްދޮށަށް ޖެހިލާފައި، ޝަކީބު މަޑުމަޑުން އަހައލިއެވެ.
“އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި މަގޭ އަންހެނުން.”
“އަސްލު ވެސްތަ؟” ޝަކީބުގެ އަޑުގައި އުފާވެރިކަން އެކުލެވުނެވެ. “ހިތްހަމަޖެހޭ ކަހަލަ މަންޖެއަކު ވެސް ފެނިއްޖެތާ!”
“އަހަރެން އަބަދުވެސް ބުނަމެއްނު އަދި ލިބޭނެއޭ.” ނަޒީފު ހުރީ ވަރަށް ހަމަޖެހިފައެވެ.
“މިކުއްޖާގެ މައިން ބަފައިން ކޮބައި؟”
“ފަހުން ތި ވާހަކަ ދައްކަން މަޑުކުރޭ! މިހާރު މިތިބީ ވަރަށް ހައިވެފައި.”
“އެކަމަކު ގެއާހަމައަށް ދެވިގެންތާ ކައިއެއްޗެއް ވެސް ލިބޭނީ. ކޮންތާކަށް ދަނީ؟” ޝަކީބު އަހައިލިއެވެ.
“ގެއަށް ދާނީ. އެ ތަން އެ ގޮތަށް ފަޅަށް ހުންނާތީވިއްޔަ އަންނަން ވެސް މި ޖެހުނީ”
“ތި ހެން ގޮސް އެ ތާކު އަދި ނޫޅެވޭނެ. މީހަކު ފައިދޮވެލާން ވެސް އެގެއަށް ވަދެނުލައިތާ މިހާރު ދެ އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ. ވަރަށް ހަޑިކޮށް އޮންނާނީ ވެސް. މަށަށް ފެންނަނީ އިހަށް އަހަރެމެން ގޭގައި މަޑުކުރަން.”
“މައްސަލައެއް ނެތް. ޝަކީބަށް ފެންނަ ގޮތެއް. ދޯ ރަޝްފާ!” ރަޝްފާއަށް ނިތް އެއްލަމުން ނަޒީފު ބުންޏެވެ. ރަޝްފާ ބޯޖަހައިލިއެވެ.
“ގެއާއި ގޯތިތެރެ ރަނގަޅަށް ސާފުކޮށްލާފައި ރަނގަޅު އިރުވަރެއްގައެއްނު ދާން ވާނީ ވެސް.”
“އާނ! އެއްކަލަ ތަހުޒީބުނުވާ މީހާއާ ޖެހިފައި މިހިރީ. ރަނގަޅު ވަހުތާނެއް ވެސް ޖަހަންވާނެ ދޯ!” ނަޒީފު މަލާމާތް ކޮށްލިއެވެ.
“އެއީ ތަހުޒީބު ނުވުމެއްނޫނޭ! ކޮންމެކަމެއް ކުރާއިރު ވެސް، ކަމުގެ ދެކޮޅު ބަލަންވާނެ. ހަލާދަނޑީގެ ދެކޮޅު ބަލަންވާނެޔޭ ބުނާއަޑެއް ނާހަމުތަ؟” “ކޮންމެހެން އިރުވަރު ބަލައި، ވަރުވާކަނުގައި އަކަ ކުރަހައި ނުހެދިޔަސް، ތަން ރަނގަޅަށް ސާފުކޮށްލައި ހެދީމާ އެ ހުރީ ނިމިފަ. ދެން ކޮން ސަކަރާތެއް ޖަހާކަށް. މި ޒަމާނުގައި ތި ކަހަލަ ކަމެއް ކުރާތަން ފެނިއްޖެއްޔާ، މީހުން މަލާމާތް ވެސް ކުރާނެ!”
(ނުނިމޭ)