ސާމްޕަލް ނަގަންހުރި ކުއްޖާއަށް މެންބަރު އިކްރާމް ހަމަލާދިން މައްސަލަ މަޖިލީހުން ބަލައި ދިނުމަށް އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިކްރާމް ހަސަންގެ ކޮވިޑް-19ގެ ސުންކު (ސާމްޕަލް) ނެގި ސިއްހީ ހިދުމަތްތެރިޔާއަށް ހަމަލާދިން ކަމަށް ބުނާ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައި ދިނުމަށް މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން އިން އެދިއްޖެއެވެ.

މި ކަން ހާމަކޮށް އެމްއެޗްޕީޔޫއިން ޢާންމުކުރި ބަޔާނުގައި ބުނީ މެންބަރު އިކްރާމް ޙަސަން ވަނީ އެ ބޭފުޅާގެ ސާމްޕަލް ނެގި ރެޕިޑް ރެސްޕޮންސް ޓީމްގެ މެންބަރަށް ދެފަހަރެއްގެ މަތިން އަތްއިސްކޮށް (އެއްފަހަރު އަތުގައި، އަނެއްފަހަރު ފޭސް ޝީލްޑްގައި) އަނިޔާކުރާނަމަ ޖެހުމުގެ ޙައްޤު އޮންނާނެކަމަށާއި ތަކުރާރުކޮށް ޖަހާނެކަމަށް ވިދާޅުވެފައިކަމަށެވެ. އޭގެ އިތުރުން މެންބަރު އިކްރާމް ވަނީ ”ތިމަންނާއަކީ އެމްޕީއެއްކަމަށާއި ތިގޮތަށް އަނިޔާނުކުރެވޭނެކަމަށާއި ޕޮލިހުންނަށް މައްސަލަ ހުށަހަޅާނެކަމަށް ބުނެ ބިރުދައްކާފައިކަމަށް“ ވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ މެންބަރުގެ ނަން ހޯދުމަށް މަސައްކަތްކުރެއްވިކަމަށާއި އެ މެންބަރާއި މުޚާތަބުކޮށް ”މުސްލިމެއް ނޫން“ ކަން ދޭހަވާ ޢިބާރާތުން މެންބަރު އިކްރާމް ވާހަކަދައްކަވާފައިވާކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

“ރައްޔިތުން އިންތިހާބުކުރާ، ރައްޔިތުން ތަމްސީލުކުރާ އިއްޒަތްތެރި މަގާމެއްގައި ހުރެ، ރައްޔިތުންނަށް އާއްމު ހިދުމަތް ދިނުމަށް މަސައްކަތްކުރާ އާދައިގެ މުވައްޒަފަކަށް ފުރައްސާރަކޮށް ހަމަލާދީ އަދި އެކަން ދިފާއުކުރަމުންދާ ދިއުން މި ޔޫނިއަން އިން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.” ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެމްއެޗްޕީޔޫއިން ވަނީ އެ މުވައްޒަފު ތަމްސީލުކުރާ އެއްވެސް އިދާރާއަކުން އެ ޢަމަލު ކުށްވެރިކޮށް ފިޔަވަޅުއަޅާފައި ނުވާކަމީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްއެޗްޕީޔޫއިން ބުނީ މިފަދަ ޢަމަލުތަކުން ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކުން ނަފްސާނީ އަދި ޖިސްމާނީ ގެއްލުން ލިބެމުންދާކަމަށެވެ. މި ގޮތުން އެފަދަ ޢަމަލުތައް ހިންގާ ފަރާޔތްތަކާމެދު ފިޔަވަޅު އެޅުމަށް ވެސް އެ ޔޫނިއަން އިން ވަނީ ގޮވައިލާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!