މާލެ، ވިލިނގިލި އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލަން އަޅާ “ތިލަ މާލެ” ބްރިޖަށް، އިންޑިއާއިން 400 މިލިއަން ޑޮލަރުގެ ލޯނު ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީގައި މިއަދު ކުރިއަށް ދިޔަ ރަސްމީޔާތުގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އެވެ. އަދި އިންޑިއާގެ އެގްޒިމް ބޭންކުގެ ފަރާތުން ސޮއި ކުރެއްވީ އެ ބޭންކުގެ ޖެނެރަލް މެނޭޖަރު ނިރްމިތު ވޭދް އަދި ޗީފް މެނޭޖަރ ހަރީޝް ކުމާރެވެ.
ބްރިޖުގެ ލޯނު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، މިއީ މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދެވޭ އިންފްރާސްޓްރަކްޗަރގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓްކަމަށެވެ. އަދި ކޯވިޑް19 ގެ ސަބަބުން ފަތުރުވެރިކަމަށް ދިމާވި ހީނަރުކަމުގެ ސަބަބުން މިއަހަރު ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރި އަދަދު 50 އިންސައްތަ ދަށްވެ، ރާއްޖޭގެ ތަރައްޤީގެ ބައެއް ބޮޑެތި މަޝްރޫއުތައް މަޑުޖެހިފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ އިޤްތިޞާދު އަލުން ކޮޅަށްޖެހުމަށް އިޤްތިސާދީ ހަރަކާތްތައް ފަށައިގަންނަން ޖެހިފައިވާކަމަށާއި، މި މަޝްރޫއު ވެގެންދާނީ ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށްޖެހުމަށް ފަށައިގަނެވޭ ވަރަށް މުހިންމު މަޝްރޫޢެއްކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ހިންގޭ ކަނެކްޓިވިޓީގެ އެންމެ ބޮޑު ޕްރޮޖެކްޓްގައި އިންޑިއާއިން ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އެގައުމަށް ލިބޭ އުފަލެއްކަމަށެވެ.
އިންޑިއާގެ އެގްޒިމް ބެންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫޢަށް ހަމަޖެހުނުއިރު، މި ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ މަޝްރޫއު ނިމޭތާ ފަސް އަހަރު ދުވަހުގެ ފަހުން ކަމަށާއި ލޯނު އަނބުރާ ދައްކަން 20 އަހަރު ލިބޭނެއެވެ.