އަންނަ އަހަރުތެރޭ ރާއްޖޭގެ މަސްވެރިކަން ދުނިޔެއަށް އިޝްތިހާރުކޮށް، ދިވެހިން ބާނާ މަހަށް އިތުރު މާރުކެޓުތައް ހޯދުމުގެ މަސައްކަތް އިތުރަށް ފުޅާ ކުރައްވާނެކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޒަހާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި ގުޅިގެން ދުނިޔޭގެ އިތުރު ބާޒާރުތަކަށް ވަނުމަށް މަސައްކަތްކުރާނެ ކަމަށެވެ.
” އަންނަ އަހަރު މާރކެޓިންގެ ހަރަކާތްތައް އިތުރު ހަރުފަތަކަށް ގެންދާނަން، މާރކެޓިންގެ މަސައްކަތް އެބަޖެހޭ ވަރަށް ބޮޑަށް ކުރަން، މިމަަސައްކަތުގައި އެމްއެސްޕީއާއި އިންޑަސްޓްރީގައި ތިބި އެހެން ފަރާތްތަކާއި ގުޅިގެން އިތުރު މަސައްކަތްތަކެއްކޮށް، އިތުރު ބާޒާރުތަކަށް ވަނުމަށް މަސައްކަތްކުރާނަން،” މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.