ދެ ރަށެއްގައި ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނާއި، ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލަތަކާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 24 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެކެވެ. އެ ދެމީހުންނަކީވެސް ދިވެހިންނެވެ.

އެ ދެމީހުންގެ ތެރެއިން 24 އަހަރުގެ މީހާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މި އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގެ 15:27 އެހާކަންހާއިރު ނައިފަރު މަގުމަތިންނެވެ.

އޭނާ ހުއްޓުވައި ހަށިގަނޑު ބަލައިފާސްކުރަން އުޅުމުން އޭނާގެ ހަށިގަނޑުގައި ފޮރުވާފައިވާ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 13 ރަބަރު ޕެކެޓު ފުލުހުންނާ ހަވާލުކޮށްފައިވެއެވެ.

 30 އަހަރުގެ މިހާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި ހިފައިގެން މަހިބަދޫން ފުރަން އުޅެނިކޮށް ހުއްޓުވައި މި އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގެ 14:50 އެހާކަންހާއިރު މަހިބަދޫ ބަނދަރުމަތިންނެވެ.

މަހިބަދޫ ޕޮލިސް ސްޓޭޝަނުން ހިންގި މި އޮޕަރޭޝަނުގައި ބަނދަރު މަތިން އެމީހާ ހުއްޓުވި ވަގުތު އޭނާގެ އަތުގައިއޮތް އެއްޗެއް ފަޅުތެރެއަށް އެއްލައިލުމުން ފަޅުތެރެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 18 ހޮޅިކޮޅު ފެނިފައިވެއެވެ.

މަސްތުވާތަކެތީގެ މިމައްސަލަތައް ޅ. ނައިފަރު ޕޮލިސް ސްޓޭޝަނާއި އދ.މަހިބަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!