ގާޒީ އިބްރާހިމް އަލީ އިސްތިއުފާ ދެއްވައިފި

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމާފައިވަނިކޮށް އޭނާ އިސްތިއުފާ ދެއްވައިފި އެވެ.

ގާޒީ އިބްރާހިމް އަލީ މަގާމުން އިސްތިއުފާ ދެއްވާފައި މި ވަނީ، ޖޭއެސްސީ އިން ބަލަމުން ދިޔަ އޭނާގެ ސުލޫކީ މައްސަލާގައި 60 ދުވަހުގެ ސަސްޕެންޝަންއެއްގައި ވެސް ހުންނަވަނިކޮށެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާ ސަސްޕެންޑުކޮށް، މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމީ ގާނޫނުއަސާސީގައިވާ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލެއް ކުރި ކަމަށް ކަނޑައެޅުމަށް ފަހު އެވެ.

ޖޭއެސްސީން ގާޒީ އިބްރާހިމް އަލީ އާއި ގުޅިގެން މީގެ ކުރިން ނެރުނު ބަޔާނުގައި ބުނީ ފަނޑިޔާރު ކަމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާލިބޭ 10 މީހަކު ބަންދުން ދޫކޮށްލި ގޮތް ގޯސް ކަމަށް ހައި ކޯޓުން ނިންމައި، އަދި ކްރިމިނަލް ކޯޓުގެ ނިންމުން މުރާޖާކުރަން ހައި ކޯޓު އަމުރު ކުރުމުން އެކަމާ މެދު ގޮތެއް ނިންމުން އޭނާ ލަސް ކުރައްވާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

އެ ބަޔާނުގައިވާ ގޮތުން އެ ނިންމުން މުރާޖާ ކުރަން ބޭއްވި އަޑުއެހުމުގައި ގާޒީ އިބްރާހިިމް އަލީ ވަނީ ދައުވާ ލިބޭ މީހުންނަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަވައިފަ އެވެ. އަދި ދައުވާ ލިބޭ މީހުން ބަންދު ކުރަނީ އޭނާ ބޭނުންވެގެން ނޫން ކަމަށާއި ހައި ކޯޓުން އެގޮތަށް އެންގުމުން މަޖުބޫރުވެގެން ކަމަށް ދޭހަވާ ފަދައަކުން ވެސް އޭނާ އެ އަޑުއެހުމުގައި ވާހަކަ ދެއްކެވި ކަމަށް އެ ބަޔާނުގައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!