ނަޝީދުގެ ރައްދު ސައީދަށް: އެފްޓީއޭ ރަނގަޅަށް ބައްލަވާފައެއް ނެތް

ރާއްޖެ އާއި ޗައިނާ އާއި ދެމެދުގައި ގާއިމު ކުރި ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ރަނގަޅަށް ބައްލަވާފައި ނުވާ ކަމަށް ވިދާޅުވެ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ރައްދު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހިދާއި ވަނީ ޗައިނާއާއި އެކު ހަދާފައިވާ ފްރީޓްރޭޑް އެގްރީމެންޓްގެ ދަށުން މަސްވެރިންނަށް ހާއްސަވާ ކަންކަމާއި ގުޅޭގޮތުން ސުވާލުކޮށްފަ އެވެ.

މިނިސްޓަރުގެ ވާހަކަތަކަށް ފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޗައިނާ އާއިއެކު ހަދާފައިވާ ފްރީޓްރޭޑް އެގްރީމެންޓާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ މިހާރު “އޮޕަރޭޝަންގައި ނެތް” ޗައިނާ އާއި އެކު ހަދާފައިވާ އެގްރީމެންޓްގެ ދަށުން ރާއްޖެއިން އެކްސްޕޯޓްކުރާ ގިނަ މަސްވެރިކަމުގެ ބާވަތްތަކުގެ ޑިއުޓީ ހުރީ ޔޫރަޕިއަން ޔޫނިއަންގެ ޑިއުޓީއާ ދާދި އެއްވަރެއްގައި ކަމަށެވެ. އަދި ރާއްޖެއިން ލިބެން ނެތް ބާވަތެއްގެ އެއްޗެއް ނަމަ އޭގައި ޑިއުޓީ ހުރީ ސުން ޕަސެންޓްގައިކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ. 

“މެމްބަރުން ބައްލަވައިފި ނަމަ، ޑިއުޓީ ޝީޓު ފެނިވަޑައިގަންނަވާނެ، ފްރީ ޓްރޭޑް އެގްރީމަންޓްގައި އަޅުގަނޑުމެންނަށް ލިބިފައި އޮތް ޑީލް. ރާއްޖެ އިން ނުބާނާ ހުރިހާ ބާވަތެއްގެ މަހަކަށް ސުން ޕަސަންޓު އެބަހުރި،” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖެ އިން ލިބޭ ބާވަތެއްގެ މަހެއް ނަމަ، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ޑިއުޓީއާ ދާދި އެއްވަރެއްގައި ހުރި ކަމަށެވެ.

ނަޝީދުގެ އެ ވާހަކަތަކާ ގުޅިގެން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވީ، ނަޝީދު ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެފްޓީއޭގެ ސަބަބުން 296 އައިޓަމް ސުން ޕަސަންޓުގައި އެކްސްޕޯޓް ކުރެވޭނެއެވެ.

އެވާހަކަ އަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވި ގޮތުގައި ސައީދު ދެއްކެވީ ހިތާމަ ހުރި ވާހަކައެކެވެ.

“އަޅުގަނޑު އަތުގައި މިއޮތީ އެގްރީމަންޓްގެ ސީދާ ކޮޕީ. އެއީ މިތަނުގައި ބާއްވާފައި އޮތް ކޮޕީ. މިތަނަށް ގެނެސްފައި އެގްރީމަންޓް ނިންމީ. މިތަނުން ވޯޓު ދީގެން މިކަން ކުރީ. މިތަނުގައި އޮތް ކޮޕީގައި ބައިވަރު އައިޓަމް އެބަހުރި. އަޅުގަނޑު ހިތުން ތިޔަބޭފުޅުން މި ބައްލަވާފައެއް ނެތް،” ނަޝީދު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!