އަނުޝްކާ ވިރާޓަށް ފޮނުވި ފްލައިންގ ކިސް އެއް ފޭނުންގެ ހިތާ ކުޅެލައިފި

ދުބާއީގައި މިހާރު ކުރިއަށްދާ ކްރިކެޓް މުބާރާތުގައި ބެންގަލޫރު ޓީމާއެކު ކުޅެމުން އަންނަ އިންޑިއާގެ ކުޅަދާނަ ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ މިއަދު ކުޅުނު މެޗު ބަލަން ހުރި އޭނާގެ އަންހެނުން އެކްޓްރެސް އަނުޝްކާ ޝަރްމާގެ ހަރަކާތްތައް ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފިއެވެ.

ޗެންނާއީ ޓީމާ ކުޅެގެން މޮޅުވި ބެންގަލޫރު ޓީމުގެ މެޗު ބަލަން ހުރެފައި އަނުޝްކާ ވަނީ ފިރިމީހާ ވިރާޓަށް އިޝާރާތްކޮށް “ފްލައިންގ ކިސް” އެއް ފޮނުވައިފައެވެ. އަދި މި މަންޒަރު ކެމެރާތަކަށް އެރުމުން މި ދެތަރިންގެ ފޭނުންނަށް ވަނީ އެ ހަރަކާތް ވަރަށް ކަމުގޮސްފައެވެ. އަދި އެފަދަ ކުދި ކުދި ހަރަކާތްތަކުން ވެސް، ދެތަރިންގެ މެދުގައި އޮންނަ ވަރުގަދަ ލޯބި ފެނިގެންދާ ކަމަށް މި ޖޯޑަށް ތާއީދުކުރާ ފަރާތްތަކުން ބުނެއެވެ.

މީގެ އިތުރުން، މެޗު ބަލަންހުރި އަނުޝްކާއަށް ބަލާފައި ވިރާޓު ދިން ހިނިތުންވުމަށް ވެސް އަންނަނީ ގިނަ ބަޔަކު ތައުރީފުކުރަމުންނެވެ. އަދި މީގެކުރިން ވިރާޓު ކުޅުނު މެޗުތަކުން ބަލިވިއިރު، އެކަމުގެ ޒިންމާ އަނުޝްކާގެ ބޮލުގައި އަޅުވައިގެން ޖޯކު ޖެހި ފަރާތްތަކަށް މިއަދު ރަނގަޅު ރައްދެއް ލިބިއްޖެ ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.

މީގެ ތިން އަހަރު ކުރިން ކައިވެނީގެ ގޮށް ޖަހާފައިވާ ވިރާޓާއި އަނުޝްކާއަށް އަލަތު ދަރިއެއް ލިބެން އުޅޭކަން އިޢުލާނުކުރީ މިދިޔަ މަހުގައެވެ. އަދި މި ޙަބަރާއެކު، އެމީހުންގެ ފޭނުން ވަނީ އުފާ ފާޅުކޮށް، ތަހުނިޔާ ކިޔައިފައެވެ. މިހާރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަނީ އަނުޝްކާ ވިހާނެ ތާރީޚަކަށެވެ. އަނުޝްކާ ބުނެފައިވާ ގޮތުގައި އަންނަ އަހަރުގެ ޖެނުއަރީ މަހު އޭނާ ވިހާނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!