ބޮލީވުޑްގައި މިހާތަނަށް އުފެދުނު އެންމެ ކުޅަދާނަ އެއް އެކްޓަރު ކަމަށްވާ އަމީތާބް ބައްޗަންގެ އުފަންދުވަހުގެ ތަހުނިޔާ ކިޔުމަށް ދަރިފުޅު އަބީޝެކް ބައްޗަން އިންސްޓްގްރާމްގައި ހިއްސާކުރި ފޮޓޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
އޮކްޓޯބަރު 11 ގައި ފާހަގަކުރި އަމީތާބްގެ އުފަންދުވަހަށް ޙާއްސަކޮށް އަބީޝެކް ހިއްސާކޮށްފައިވަނީ ބައްޕަގެ ކުޑައިރުގެ ފޮޓޯއެކެވެ. ކަޅާއި ހުދުން އިން އެ ފޮޓޯއަކީ މީގެކުރިން ގިނަ ބަޔަކަށް ފެނިފައި ނުވާ ފޮޓޯއެކެވެ. އެ ފޮޓޯގައި އަމީތާބު ހިނިތުންވެލައިގެން އިން އިރު، ބަލާބެލުމަށް ހީވަނީ އޭރު އުމުރުން ވާނީ 2 ނުވަތަ 3 އަހަރު ހެންނެވެ.
ބައްޕަގެ ކުޑައިރުގެ ފޮޓޯ ހިއްސާކުރަމުން އަބީޝެކް ވަނީ އުފަންދުވަހުގެ ތަހުނިޔާ ކިޔައި، ބައްޕައަކީ އޭނާގެ “ހީރޯ” ކަމަށް ލިޔެފައެވެ. މި ފޮޓޮއަށް ވަނީ މިހާތަނަށް އެއްލައްކަ އަށްވުރެ ގިނަ ލައިކު ލިބިފައެވެ. އަދި ގިނަ ބަޔަކު އަންނަނީ ކޮމެންޓު ބައިގައި އަމީތާބަށް އުފަންދުވަހުގެ ތަހުނިޔާ ކިޔަމުންނެވެ. މީގެ އިތުރުން، ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވެސް ވަނީ އޭނާއަށް ތަހުނިޔާ ކިޔައި މީސްމީޑިއާގައި ޕޯސްޓު ކޮށްފައެވެ.
އިއްޔެ ފާހަގަކޮށްފައި ވަނީ އަމީތާބުގެ 78 ވަނަ އުފަންދުވަހެވެ. އުމުރުން ދުވަސްވެފައި ވިޔަސް، އަމީތާބަކީ ދެގޮތެއްނުވެ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރަމުން އަންނަ އެކްޓަރެކެވެ. އެގޮތުން މިހާރުވެސް އަމީތާބްގެ ގިނަ ފިލްމުތަކެއް ކުރިއަށް އެބަހުރިކަން ފާހަގަކޮށްލެވެއެވެ.