ފެނަކަ ކޯޕަރޭޝަންގެ ދަށުން ހިންގަމުން އަންނަ އިންޖީނުގެ ތަކުގެ ތެރެއިން މި އަންނަ އަހަރާ ހަމައަށް 50 އިންޖީނުގެ ބަދަލުކޮށް ނިމޭނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ރަށްރަށުގައި ހުރި ބައު އިންޖީނުގެތައް ބަދަލު ކުރުމަށް ފެނަކައިން ފަށާފައިވާ މަޝްރޫއާއި ގުޅޭ ގޮތުން ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އަންނަ އަހަރަށް އެއްކޮށް މަސައްކަތް ނިންމުމަށް ރާވާފައިވާ ކަމަށާއި، އެގޮތުން މަސައްކަތް އިތުރަށް ލަސް ނުވާނަމަ 50 އިންޖީނުގެއެއް ބަދަލު ކުރެވިގެންދާނެ ކަމަށެވެ. ސައީދު ވިދާޅުވީ މި މަސައްކަތާއެކު ރަށްރަށުގެ ކަރަންޓް ނެޓްވޯކް ވެސް ބަދަލު ކުރެވިގެންދާނެ ކަމަށެވެ.
ސައީދު ވިދާޅުވީ ބ. ހިތާދޫ، ށ. ފޯކައިދޫ އަދި ތ. އޮމަދޫ އަކީ މިގޮތުން ފާހަގަކޮށްލެވޭ ވަރަށް ހާލުދަށް އިންޖީނުގެ ހުރި ރަށްތައް ކަމަށާއި، އިންޖީނުގެ ބަދަލު ކުރުމުގެ މަސައްކަތް ކުރަން ޖެހުނީ އެކަމުގެ ސަބަބުން އާންމުންގެ އެތައް ހައްގަކަށް އަރައިގަނެވޭތީ ކަމަށެވެ.
ސައީދު ވިދާޅުވީ ކުރަން ފެށި މަސައްކަތްތަކުގެ ނަތީޖާ ރަނގަޅު ކަމަށާއި، 12 ރަށެއްގެ އިންޖީނުގެ ޒަމާނި އިންޖީނުގެއަށް ބަދަލު ކުރެވިއްޖެ ކަމަށެވެ. މީގެ އިތުރުން މި އަހަރުގެ ނިޔަލަށް 30 އިންޖީނުގެއެއް ބަދަލު ކުރަން އަމާޒު ހިފި ނަމަވެސް، ދިމާވި ލަސްތަކާއި ގުޅިގެން މި އަހަރު އެއްކޮށް މަސައްކަތް ނިންމާލެވޭނީ 28 ރަށުގައި ކަމަށެވެ.