ޝާހު އަނެއްކާވެސް އިސްތަށިގަނޑު ދިގު ކުރަނީ؟

ބޮލީވުޑްގެ ޚާނުންގެ ރަސްގެފާނު، ޝާހުރުކް ޚާން އޭނާގެ ކުރިއަށް އޮތް ފިލްމަކަށް އިސްތަށިގަނޑު ދިގުކުރާނެ ކަމަށް މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ މަސްދަރަކުން ބުނެފިއެވެ.

ޝާހު އިސްތަށިގަނޑު ދިގު ކުރާނީ ސިދާތު އާނަންދު ޑައިރެކްޓު ކުރާ “ޕަތަން” ފިލްމަށް ކަމަށް މީޑިއާތަކުން ބުނެއެވެ. މި ފިލްމަކީ ދިޕިކާ ޕަޑުކޯނާއި ޖޯން އަބްރަހަމްވެސް ފެނިގެންދާނެ ފިލްމެއް ކަމަށްވެއެވެ.

އެކްޝަން ތްރިލާއެއް ގޮތަށް ގެނެސްދޭން ނިންމާފައި އޮތް “ޕަތަން” ގައި ޝާހުގެ ތަފާތު ލުކް ތަކެއް ފެނިގެންދާނެ ކަމަށާއި، އަދި ފިލްމުގެ ވަކި ހިސާބެއްގައި އިސްތަށިގަނޑު ދިގުކޮށް ހުންނަތަން ވެސް ފެންނާނެ ކަމަށް ބުނެއެވެ.

ޝާހު، 54، “ޕަތަން” އަށް އެއްބަސްވެފައި ވަނީ މި އަހަރުގެ ކުރީ ކޮޅެވެ. އަދި އިންޑިއާއިން ބޭރު ޤައުމުތަކަކުން އެގްޒޮޓިކް ލޮކޭޝަން ތަކެއްގައި ޝޫޓު ކުރަން ހަމަޖެހިފައި އޮތް މި ފިލްމުގެ ޝޫޓިންގ ލަސްކޮށްލަން ޖެހިފައިވަނީ ކޮވިޑް-19 ގެ ސަބަބުންނެވެ. މިހާރު އޮތް ގޮތުން ގިނަ ޤައުމުތަކަށް ދަތުރުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުވާނެތީ، ފިލްމުގެ ބޮޑުބައި ޝޫޓު ކުރާނީ މުމްބާއީގައި ކަމަށް ވެއެވެ. އަދި އަންނަ މަހު ޝޫޓިންގ ރަސްމީކޮށް ފަށާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޝާހު އިސްތަށިގަނޑު ދިގުކޮށްގެން ހުއްޓައި ފެނިފައިވަނީ “ޑޮން 2” ފިލްމުގައެވެ. އަދި އެ ލުކް ވަނީ ގިނަ ފޭނުންނަށް ވަރަށް ކަމުގޮސްފައެވެ. އެހެންކަމުން “ޕަތަން” ގައި ޝާހު ހުންނަ ގޮތް ވެސް ގިނަ ބަޔަކަށް ކަމުދާނެ ކަމަށް ބެލެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!