ހޫނުފެނުގައި ފެންވަރާނަމަ ހަށިގަނޑުގެ މި ގުނަވަން ނުދޮންނާތި!

ހޫނުފެން ނުވަތަ ތާފަނާ ފެނުގައި ފެންވެރުމަކީ ފިންޏަށް ބަލި މީހުން އާންމުކޮށް ކުރާ ކަމަކެވެ. ނުވަތަ ހެނދުނު ހެނދުނާ ތެދުވެގެން ވަޒީފަތަކަށް ދާ މީހުންވެސް، ވަގުތުގެ ގޮތުން ޚިޔާރުކުރަނީ ހޫނުފެނުން ފެންވެރުމެވެ. ނަމަވެސް ޑޮކްޓަރުން އިންޒާރުކުރަނީ، ހޫނުފެނުގައި ފެންވަރާއިރު ވަކި ގުނަވަނެއް ނުދޮވެ ދޫކޮށްލުމެވެ.

އެ ގުނަވަނަކީ މޫނުގެ ހަންގަނޑެވެ. ގިނަ މީހުން ފެންވަރާއިރު ފެންމާގަނޑުގެ ދަށުގައި ހުރެގެން ހަށިގަނޑުގެ ހުރިހާ ގުނަވަކާއެކު މޫނުވެސް ރަނގަޅަށް ދޮވެލައެވެ. އެހެނަސް ހަމުގެ ޑޮކްޓަރުން ބުނަނީ މޫނަކީ އަދި ތި ހީކުރާ ވަރަށްވުރެ ނާޒުކު ގުނަވަނެއް ކަމަށެވެ. އަދި މޫނުގެ ހަމާއި، ގައިގެ އެހެން ތަންތާނގައި ހުންނަ ހަމާ ވަރަށް ބޮޑަށް ތަފާތު ކަމަށް ބުނެއެވެ. މޫނުގައި ބިހިނަގާހެން އެހެން ތަންތާނގައި ބިހި ނުނަގަނީ ވެސް އެހެންވެގެންނެވެ.

މޫނުގައި ހޫނުފެން ޖެއްސުމުން ދިމާވާ ބައެއް ގެއްލުން

– މޫނުގެ ހަންގަނޑުގެ ދަށުގައި ހުންނަ ލޭ ހޮޅިތައް ފެޅުން ނުވަތަ ފުޅާވުން، މީގެ ސަބަބުން ދުވަސްވުމުގެ އަލާމާތްތައް މާ އަވަހަށް ފެންނަން ފަށާނެ

– މާ ގިނައިން ފެންޖައްސާ ނަމަ ހަންގަނޑު ހިކުން

– މޫނުގައި ހުންނަ ގުދުރަތީ ތެޔޮކަން ފިލައިދިޔުން. މިއީ ހަންގަނޑުގެ ސިއްހަތަށް މުހިއްމު ތެޔޮކަން ހަނދާން ބަހައްޓާތި

ޑޮކްޓަރުންނާއި ތަޖުރިބާކާރުން ލަފާދޭ ގޮތުގައި، ފެންވަރާއިރު މޫނު ދޮވުމުގެ ބަދަލުގައި، ވަކިން މޫނުދޮންނަ ތަށި ކައިރީގައި ހުރެގެން އިސްކުރުން ދޮވުން މާ ރަނގަޅު ވާނެއެވެ. އަދި މިގޮތަށް ދޮންނައިރު، މާ ގިނައިރު ވަންދެން ނުދޮވުމާއި، މަޑުމަޑުން މޫނުގައި ފެންޖައްސަން ސަމާލުކަން ދޭންވާނެއެވެ. ހާއްސަކޮށް، ގައި ދޮންނަ ސައިބޯނި މޫނުގައި ލައިގެން ނުވާނެއެވެ. އޭގެ ބަދަލުގައި މޫނު ދޮންނަން ހާއްސަ ސައިބޯންޏެއް ނުވަތަ ކްލެންސާއެއް ބޭނުންކުރާށެވެ. ނުވަތަ ހުސް ފެންފޮދަކުން ވެސް ދޮވެލެވިދާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!