ދައުވާ އުފުލީ ފުރިހަމަ ނުވާ ތަހުގީގެއްގެ މައްޗަށް: އާޒިމާ

އެތައް ބަޔަކު ހިމެނޭ ކަމެއްގައި ދައުލަތުން ހަމައެކަނި އޭނާގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ފުރިހަމަ ނުވާ ތަހުޤީގެއްގެ މައްޗަށް ބިނާކޮށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރު ތުހުމަތުކުރައްވައިފިއެވެ.

އާޒިމާގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމާއި، ރަސްމީ ޢިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީޢަތުގެ މަޖިލީހުގައި ޢާޒިމާގެ ފަރާތުންވަނީ ދިފާއުގެ ގޮތުގައި ގިނަ ހުށަހެޅުންތައް ހުށަހަޅުއްވާފައެވެ.

އޭގެ ތެރެއިން ބައެއް ކަންކަން ހުށަހަޅުއްވަމުން އާޒިމާ ވިދާޅުވީ، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގެތެރެއިން ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް އެއް މިލިއަން ޑޮލަރު ލޯންޑަކޮށްދިނުމުގައި އެހީތެރިވިކަމަށްބުނެ އޭނާގެ މައްޗަށް ދަޢުވާ އުފުލާފައިވާއިރު އެމައްސަލާގައި ހިމެނޭކަމަށްބުނާ ދަޢުލަތުގެ އެކި މުއައްސަސާތަކާއި އަމިއްލަ ކުންފުނިތަކާއި ބޭންކްފަދަ ތަންތަނުގެ އެއްވެސް މީހަކާ ސުވާލެއްވެސް މިހާތަނަށް ކުރައްވާފައިނުވާކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރީ ގާނޫނާ ޚިލާފަށްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިި ނެރުނު ހުކުމުން އެނގެން އޮތް ފާހަގަކުރައްވަމުން އާޒިމާ ވިދާޅުވީ، އެކަންކަމަށް ބަލާއިރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އޭނާގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ފުރިހަމަނުވާ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ކަމަށް ދެކޭކަމަށެވެ. އަދި ގިނަ ބަޔަކު ހިމެނޭ ކަމެއްގައި ހަމައެކަނި އޭނާއަށް އަމާޒުކޮށް ދަޢުވާ އުފުލީ ކީއްވެތޯ އާޒިމާ ސުވާލު ކުރެއްވިއެވެ.

މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްއިން ލިޔުމެއް ހޯދިކަމަށް ދައުލަތުން ވިދާޅުވާ ވިދާޅުވުމަށް ރައްދުދެއްވަމުން އާޒިމާ ވިދާޅުވީ އެލިޔުމަކީ ދަޢުލަތުގެ ފައިސާކަމަށް ބެލެވޭ ފައިސާ އެކްސްކްރޯ އެކައުންޓަށް ޖަމާކުރިކަން ޔަގީން ކުރުމަށް ހޯދި ލިޔުމެއް ކަމަށާ، އެއީ އޭނާކުރި ކުށެއްކަމަށް ގަބޫލުނުކުރައްވާކަމަށެވެ.

އާޒިމާ ފާހަގަކުރެއްވި ބައެއް ކަންކަމާގުޅިގެން ދައުލަތުގެ ވަކީލުންވެސްވަނީ ބައެއް ކަންތައްތައް ފާހަގަކުރައްވާފައެވެ. ދައުލަތުގެ ވަކީލުން ވިދާޅުވީ ސުޕްރީމް ކޯޓުގެ ޙުކުމުގައި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވީ އެމްއެމްޕީއަރުސީގެ ފައިސާ ނޫންކަމަށް ކަނޑައަޅާފައި ނުވާކަމަށާ، އަދި ކުށް ސާބިތުވެ މިހާރުވެސް ރައީސް ޔާމީން ޖަލު ޙުކުމް ތަންފީޒުކުރަމުންދާކަމަށެވެ.

އަދި ދައުލަތުގެ ވަކީލުންނަށް ރައްދުދެވޭނީ ހަމައެކަނި ލިއުމުންކަމަށް ދިފާއީ ވަކީލު ވިދާޅުވުމުން ދައުލަތުންވަނީ ކުރިން މިމައްސަލަ ބެއްލެވި ޤާޟީ ނިންމަވާފައިވާ ނިންމެވުންތަކާއި އެކަމާގުޅޭގޮތުން ޤާނޫނުގައި ފާހަގަކޮށްފައިވާ ކަންކަން ޝަރީޢަތުގެ ސަމާލުކަމަށް ގެނެސްފައެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާގޮތުން މިފަދަ މައްސަލަތަކުގައި އިބްތިދާއީ މަރުހަލާގައި ވާހަކަ ދެއްކުމަށް ލިޔުމަކުން ޝަރީއަތް ފެށުމުގެ ކުރިން ކޯޓަށް ހުށަހަޅާންޖެހެ އެވެ. އެހެން ކަމުން ދައުލަތުން މި މަރުހަލާގައި ހުށަހަޅާން ބޭނުންވާ ނުކުތާތަށް ލިޔުމަކުން ހުށަހެޅުމަށް އަންގާ މިއަދު ޝަރީއަތް ވަނީ ނިންމާލާފަ އެވެ. ދެން ޝަރީއަތް ބާއްވާނެ ދުވަހެއް އިއުލާނެއް ނުކުރެއެވެ.

މި ދައުވާ ތަކާއި ގުޅިގެން މީގެ ކުރިން އާޒިމާ ވިދާޅުވީ ތިން ސަރުކާރެއްގެ ކެބިނެޓުގައި މަސައްކަތްކޮށް، ބޮޑެތި ޒިންމާތައް އުފުލާފައިވާ އިރު މުއްސަނދި ވާން އެތައް ފުރުސަތުތަކެއް އޭނާއަށް ލިބިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް ހިޔާނާތުގެ ފައިސާގައި ދުވަހަކު ވެސް ޖެހި ވަޑައިގެންފައި ނުވާނެ ކަމަށާއި އެފަދަ ހަދިޔާތަކާއި އެ ނޫން ވެސް އެއްޗެއްގައި ހިއްޕަވާފައި ވެސް ނުވާނެ ކަމަށެވެ. އަދި މަނީ ލޯންޑަރިންނަށް މަގުފަހިކޮށްދިން ކަމުގެ ތުހުމަތު ބޮލުގައި އަޅުވާފައިވާ ކަމަށާއި އެއީ ވަޒީފާ އަދާ ކުރި ކަމަށްޓަކައި އުމުރަށް ހިމޭން ކޮށްލުމުގެ ބޭނުމުގައި އުފުލާފައިވާ ދައުވާއެއް ކަމަށްވެސް ކުރިން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!