ކޮންވަރސް ވިތް މިނިސްޓަރ އަކީ އަންހެންކުދިން ބާރުވެރިކުރުމަށް އެޅި މުހިއްމު ފިޔަވަޅެއް

“ކޮންވަރސް ވިތް މިނިސްޓަރ” މި ހަރަކާތަކީ އަންހެން ކުދިންގެ އަޑުއަހައި، އެ ކުދިން ބާރުވެރިކުރުވައި، ބައިވެރިވުން އިތުރުކުރުވުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި މޯލްޑިވްސް ގާރލް ގައިޑްސް އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ “ކޮންވަރސް ވިތް މިނިސްޓަރ”މި ޙަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

“ކޮންވަރސް ވިތް މިނިސްޓަރ” އަކީ މި އަހަރުގެ އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންހެން ކުދިންގެ އަޑުއަހައި، އެކުދިން ބާރުވެރިކުރުވައި، ބައިވެރިވުން އިތުރު ކުރުމަށް ހިތްވަރު ދިނުމުގެ މަޤްސަދުގައި މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ އާއިއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުން އުމުރުން 10 އަހަރާއި 17 އަހަރާއި ދެމެދުގެ އަންހެން ކުދިން ބައިވެރި ކޮށްގެން ކުރިއަށް ގެންދިޔަ ޙަރަކާތެކެވެ.

ވީޑިއޯ ކޮންފަރެންސެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މި ޙަރަކާތުގައި ބައިވެރިވި ކުދިން މިނިސްޓަރއާ ކުރި ސުވާލުތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ކަންކަން ނިންމާ މަރުޙަލާގައި އަންހެން ކުދިންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ހަމަހަމަ ކަމާއިއެކު ފުރުސަތުތައް ހޯދައިދިނުމަށް ކުރާ މަސައްކަތްތަކާއި، އަންހެން ކުދިންނާއި އަންހެނުންނަށް ރައްކާތެރި މުޖުތަމަޢު އެއް ގާއިމުކުރުމަށް ކުރާ މަސައްކަތްތަކާއި ގުޅޭ ގޮތުންނެވެ.

މި ޙަރަކާތުގައި ބައިވެރިވި ކުދިންނާއި މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އަންހެން ކުދިންނާއި އަންހެނުން ބާރުވެރިކުރުވުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް މައިގަނޑު ގޮތެއްގައި އަމާޒު ކޮށްފައިވަނީ އަންހެން ކުދިން އެ ކުދިންގެ އަމިއްލަ ނަފްސާ މެދު ދެކޭގޮތް ހަރުދަނާކުރުމަށާއި، ކޮންމެ ކުއްޖަކީ ވެސް ޤާބިލުކަން ހުރި ކުއްޖެއްކަމާއި، މާދާމާގެ އިސް މަޤާމުތަކުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމަށް ކަމަށެވެ.

އަދި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކަކީ އިސްކަންދީގެން މި ސަރުކާރުން ކުރަމުންދާނެ މަސައްކަތްތަކެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!