ކުޑަކުދިންގެ ސީޑޯ ފޮތް ފަސްޓްލޭޑީ އިފްތިތާހު ކޮށްދެއްވައިފި

ބައިނަލްއަޤްވާމީ އަންހެންކުދިންގެ ދުވަސް ފާހަގަކުރުކުމުގެ ގޮތުން އަންހެނުންނާމެދު ކުރާ އެންމެހާ ތަފާތުކުރުންތައް ނައްތާލުމާބެހޭ ބައިނަލްއަގްވާމީ މުޢާޙަދާ (ސީޑޯ)ގެ ކުޑަކުދިންގެ ފޮތެއް، އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްރަން (އާކް) އިން މިއަދު އިފްތިތާހުކޮށްފިއެވެ.

އާކް އިން ޔުނިސެފްއާއި ގުޅިގެން ތައްޔާރުކޮށްފައިވާ މި ފޮތް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ ފޭސްބުކް ލައިވް އިވެންޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދުއެވެ.

މި ފޮތް މެދުވެރިކޮށް ސީޑޯ މުއާހަދާއިން އަންހެންކުދިންނަށް ކަށަވަރުކޮށްދޭ ހައްގުތަކާއި ސަރުކާރުގެ ޒިންމާތަކާއި ބެހޭ މައުލޫމާތު ކުޑަކުދިންނާގުޅޭ ގޮތަކަށް ލިބިގެންދާނެއެވެ.

ތައުލީމާއި ވަޒީފާ، ސިއްހީ ފަރުވާ، ކައިވެނި އަދި އާއިލީ ދިރިއުޅުމުގައި ލިބެންޖެހޭ ހައްގުތައް ކުޑައިރު އެނގުމަކީ އަންހެން ކުއްޖަކަށް ނުވަތަ އަންހެނަކަށްވީތީ ކުރާ ތަފާތުކުރުންތައް ނައްތާލުމަށް އެޅޭނެ އެންމެ މުހިއްމު އެއް ފިޔަވަޅު ކަމަށް އާކްއިން ގަބޫލުކުރެއެވެ.

މި ފޮތް އިފްތިތާހުކުރުމަށް ކުރިއަށް ގެންދިޔަ ލައިވް އިވެންޓްގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ، ސީޑޯ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރާ މުއާހަދާ (ސީ.އާރް.ސީ)އަކީ ގުޅިލާމެހިފައިވާ ދެމުޢާހަދާކަމަށެވެ. އަދި ހުރިހާ އުމުރެއްގެ ކުދިންނަށް ލިބިގެންވާ ހައްގުތައް ރައްކާތެރިކުރުމަށް ފިރިހެންކުދިންނާއި އަންހެންކުދިން މިދެ މުއާހަދާއަށް އަހުލުވެރިކުމުގެ މުހިންމުކަމަށް އެކަމަނާ އަލިއަޅުވާލެއްވިއެވެ.

އާކްގެ އެގްޒެކެޓިވް ޑިރެކްޓަރ ޒީނާ ޒާހިދުގެ ވާހަކަފުޅުގައި އަންހެން ކުދިންނަށާއި ފިރިހެން ކުދިންނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދެވިއްޖެނަމަ، އޭގެ ފައިދާ އެކުދިންނަށާއި އެކުދިންގެ ޢާއިލާއަށް ކުރުމުގެ އިތުރުން މުޖުތަމަޢުއަށާއި ޤައުމަށްވެސް ކުރާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ޔުނިސެފް ކަންޓްރީ ރެޕްރެސެންޓޭޓިވް ޑރ. މުނީރު ސަފީލްދީންގެ ވާހަކަފުޅުގައި ސީޑޯއަކީ އަންހެންކުދިންނަށް ލިބިދޭންޖެހޭ އެންމެހާ ހައްޤުތަކާއި އެކުދިންގެ މުސްތަޤްބަލްގެ ބިންގާކަމުގައި ފާހަގަކުރައްވައި، މިއަހަރުގެ ޝިއާރުކަމުގައިވާ “މަގޭ އަޑު، އަހަރެމެންގެ ހަމަހަމަ މުސްތަޤްބަލް” އަށްވެސް އަލިއަޅުވާލެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!