ކޮވިޑްގައި އިތުރު މީހަކު ނިޔާވެއްޖެ

ރާއްޖެއިން އިތުރު މީހަކު ކޮވިޑް-19 ގައި ނިޔާވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި މިއަދު 2:20 ގައި ނިޔާވެފައި ވަނީ އުމުރުން 56 އަހަރުގެ ދިވެހި އަންހެނެކެވެ. 

އެއީ ޑީއެޗް11 ގައި ފަރުވާދެމުންދިޔަ މީހެއް ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ. 

ޑީއެޗް11 ގައި ރޭގެ ޕްރެސްއާ ހަމައަށް ފަރުވާދެމުންދިޔައީ އައިސީޔޫގައި ފަރުވާދެމުންދިޔަ އެންމެ މީހެކެވެ. އެހެންކަމުން ބެލެވޭ ގޮތުގައި މަރުވެފައި މިވަނީ އެމީހާ އެވެ. 

އެއާއި އެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 35 އަށް އެރީއެވެ.

އިއްޔެ ރާއްޖެއިން 51 މީހަކަށް ކޮވިޑް ޖެހި، ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 10،859 އަށް އަރާފަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު 9686 ގައި އުޅޭއިރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 1135 ގަ އެވެ. 

މިހާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދު 74 ގައި އުޅޭއިރު އައިސީޔޫގައި ފަރުވާދެނީ އެންމެ ދެ މީހަކަށެވެ. އަދި އެއްވެސް މީހަކަށް މިވަގުތު ވެންޓިލޭޓަރުގައި ފަރުވާދެމުން ނުދާ ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!