ގްރޭޑް އަށަކުން މަތީގެ ދަރިވަރުންނަށް ގިނިހިލަ ހޯދަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށަނީ

ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވާ ގްރޭޑް 8 އާއި ގްރޭޑް 12 އާއި ދެމެދުގެ ދަރިވަރުންނަށް ހާއްސަކޮށްގެން، “އެސްޓްރޮއިޑް” ނުވަތަ ގިނި ހިލަ ހޯދަން ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމެއް ފަށަން ހަމަޖެހިއްޖެ އެވެ.

އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް)އިން ކުރިއަށް ގެންދާ މި ޕްރޮގުރާމަކީ ހިލޭ ސާބަހަށް ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.

އައިޖީއެސްއަކީ ތަފާތު ދާއިރާތަކުން ދިވެހި ދަރިވަރުން ތަމްރީނުކޮށް، އާ ޖީލެއް ބިނާކުރުމަށް މަސައްކަތް ކުރާ އިންސްޓިޓިއުޓެކެވެ.

އައިޖީއެސްއިން ބުނީ ގިނި ހިލަ ހޯދަން ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމަކީ ގްރޭޑް އަށަކާއި 12އާ ދެމެދުގައި ކިޔަވާ ކުދިންނަށް ހާއްސަކޮށްގެން ހިލޭސާބަހަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި އެއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ވެސް އެ ޖަމްއިއްޔާއިން ބުންޏެވެ.

އައިޖީއެސްއިން ބުނި ގޮތުގައި އެ ޕްރޮގްރާމުގެ ދަށުން ދަރިވަރުންނަށް ގިނިހިލަ ހޯދަން ދަސްކޮށްދޭނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ޓެލެސްކޯޕުތަކުން ފޯރުކޮށްދޭ މައުލޫމާތުތަކުގެ އެހީގަ އެވެ.

އެ ޕްރޮގްރާމް ކުރިއަށްގެންދަން، ވޮލެންޓިއަރުން ހޯދަން އައިޖީއެސްއިން ވަނީ ހުޅުވާލާފަ އެވެ. އެ ވޮލެންޓިއަރުން ވަނީ ދަރިވަރުންނަށް ގިނިހިލަ ހޯދަން ދަސްކޮށްދޭނެ ޓްރެއިނަރުންނަށެވެ.

އައިޖީއެސްއިން ބުނީ ގިނިހިލަ ހޯދަން ވޮލެންޓިއަރުންވެސް ތަމްރީނުކޮށްދޭނެ ކަމަށެވެ. އަދި ދަރިވަރުންނަށް ތަމްރީނު ދިނުމަށް ވޮލެންޓިއަރުން ހޭދަ ކުރަން ޖެހޭނީ މަހަކު ގިނަވެގެން އެންމެ ހަތަރު ގަޑިއިރު ކަމަށްވެސް އެ އިންޓިޓިއުޓުން ބުންޏެވެ.

އެ ޕްރޮގުރާމް ފުރިހަމަ ކުރާ ދަރިވަރުންނަށާއި، ވޮލެންޓިއާ ޓްރެއިނަރުންނަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ ސެޓިފިކެޓެއް ލިބޭނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!