ޕާޓީތައް ވަކިން ތިބޭގޮތަށް ކޮމިޓީން ގެނައި އިސްލާހު އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ތަޅުމުގައި ތިއްބަވާ ތަރުތީބަށް ބަދަލު ގެނެސް، ސިޔާސީ ޕާޓީތައް ވަކިން ތިބޭ ގޮތަށް ބަދަލުކުރުމަށް އާންމު ކޮމިޓީން ފާސްކޮށްފައިވާ ރިޕޯޓް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގު މެންބަރުން ތަޅުމުގައި އިށީނދެވަޑައިގެން ތިއްބަވާ ތަރުތީބުތަކަށް ބަދަލު ގެނައުމަށް ނިންމާފައި ވަނީ ކޮމިޓީ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ކޮމިޓީގައި މިކަމަށް ކުރި ބަހުސްގައި މެމްބަރުން ވަނީ އެކި ޚިޔާލުތައް ފާޅުކުރައްވާފައެވެ.

ބައެއް މެމްބަރުން ވަނީ މިހާރު އޮތް ތަރުތީބަށް ބަދަލު ގެނެސް ހއ. ފެށިގެން ސ. އަތޮޅާއި ހަމަށް މެމްބަރުން ތިއްބަވާ ގޮތަށް ތަރުތީބަށް ބަދަލު ގެނައުމަށްވެސް ހުށަހަޅާފައެވެ.

ޑިމޮކްރަޓިކް ޤައުމުތަކާއި، ރިޔާސީ ނިޒާމުގައި މަޖިލީހުގެ މެމްބަރުން ތިއްބަވާ ގޮތަށް ރިއާޔަތްކޮށް ރާއްޖޭގައިވެސް މިނިޒާމުތަކާއި އެއްގޮތަށް މަޖިލިސްގެ ކަންކަން ބައްޓަން ކުރުމަށް މެމްބަރުން ވަނީ މަޝްވަރާކޮށްފައެވެ. ކޮމިޓީގެ ގިނަ މެމްބަރުން ވަނީ މި ހުށަހެޅުމަށް ތާއީދުކޮށް ޕާޓީތައް ވަކިވާގޮތަށް ތަރުތީބު ބަދަލުކުރުމަށް ފެންނަކަމަށް ތާއީދުކޮށް އެގޮތަށް ފާސްކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!