ކުރިއަށް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފަރިތަކުރުންތައް ފަށައިފިއެވެ.
ފުޓުބޯޅައިގެ ޕްރެކްޓިސްތައް ނުފެށި ގައުމީ ކޯޗުންނާއި، ޓީމުތަކުގެ ކަންބޮޑުވުންތައް ގިނަވެ އެ މައްސަލަ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްއާ ހަމައަށް ވެސް ގެންދިއުމަށް މަޝްވަރާ ކުރެވެމުން ދަނިކޮށް މި މަހުގެ އެއްވަނަ ދުވަހު އެޗްޕީއޭއިން ވަނީ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ދީފައެވެ. އެހެން ނަމަވެސް މި ހުއްދައަކީ އެޗްޕީއޭގެ ވަކި ހާއްސަ ގައިޑްލައިންތަކެއްގެ ދަށުން އެ އިދާރާއިން ބުނާ މިންގަނޑަކަށް ފައްތައިގެން ކުރުމަށް ލިބުނު ހުއްދައެކެވެ.
ދެ ނަންބަރު ޓާފް ދަނޑުގައި އިއްޔެ ހަވީރު މާޒިޔާއިން ފަރިތަކުރުންތައް ފަށާފައިވާއިރު، އެޓީމުން ފަރިތަކުރުންތައް ކުރިޔަށްގެންދަނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށެވެ.
ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ދިން ފަހުން ފަރިތަކުރުންތައް ފެށި ފުރަތަމަ ކްލަބަކީ މާޒިޔާއެވެ.
މި ހުއްދައާ އެކު މާޒިޔާގެ އިތުރުން އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް، ކްލަބް ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ވިކްޓްރީ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަދި ކްލަބް ވެލެންސިއާ އިން ވެސް ކުރިއަށް އޮތް ހަފްތާތަކުގައި ފަރިތަކުރުންތައް ފަށާނެކަމަށް ބެލެވެއެވެ.
މާޒިޔާ އިން ފަރިތަކުރުންތައް ފެށިއިރު އެޓީމުން ވަނީ މިއަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ވެސް އެޗްޕީއޭގެ ހާއްސަ ހުއްދައަކާ އެކު ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ. އެހެން ނަމަވެސް ކޯވިޑް-19 އާ ގުޅިގެން އެ މުބާރާތް ކުރިއަށް ނުގެންދަން އޭއެފްސީ އިން ނިންމުމުން މާޒިޔާ އިން ވަނީ ފަރިތަކުރުންތައް މެދުކަނޑާލައިފައެވެ.