ޗައިނާއާއި އެކު ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް މިހާރު އޮތްގޮތަށް ކުރިއަށް ނުގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ “އަހާށޭ ބުނާނަން” ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ އެ އެއްބަސްވުމަކީ ސޮއިކުރަން ހެޔޮވާވަރުގެ އެއްޗެއް ނޫން ކަމަށާއި އެ އެއްބަސްވުމުގައި ރާއްޖޭގެ އިގްތިސާދަށް ގެއްލުން ކުރާނެ ކަންކަން އެބަހުރި ކަމަށެވެ. އަދި މަޖިލީހުން އެ އެއްބަސްވުމަށް ރުހުން ދިންއިރު އެ އެއްބަސްވުން ބަލާލަން ވެސް ލިބުނީ ގަޑިއެއްހާއިރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
“އެ ފްރީ ޓްރޭޑް އެގްރީމަންޓަކީ އެއްގޮތަކަށްވެސް ސޮއިކުރަން ހެޔޮވާވަރުގެ އެއްބަސްވުމެއް ނޫން. އޭގަ ރަނގަޅު ކަންތައްތަކެއްވެސް އެބަހުރި އިނގޭތޯ. އަދި އޭގެން ރާއްޖޭގެ އިގްތިސާދަށް ގެއްލުން ކުރާނޭ ވަރަށް ގިނަ ކަންކަން އެބަހުރި ” ފައްޔާޒު ވިދާޅުވިއެވެ.
އެ އެގްރީމެންޓްގެ ދަށުން އަގު ހެޔޮކޮށް ޗައިނާ އިން މުދާ އެތެރެ ކުރެވިދާނެ ކަމަށާއި، އަދި ޗައިނާ ކަހަލަ ގައުމެއްގެ މުދަލުން ސުން ޕަސެންޓް އިނދެފައި، އެހެން ގައުމުތަކުގެ މުދަލުން ބޮޑު ޕަސެންޓެއް ޑިއުޓީއާ އެއްކޮށް އައުމުން އެއްގައުމަކަށް އިގްތިސާދު ބަރޯސާވީ ކަމަށް ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން ޒަމާނުއްސުރެއް ގާއިމުވެފައިވާ ވިޔަފާރީގެ ގުޅުންތައް ހަލާކުވެ ދާނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ފައްޔާޒް ވިދާޅުވީ އިގްތިސާދީ މިނިސްޓަރަކަށް ހުރެ އެ އެގްރިމެންޓް މިހާރު އޮތްގޮތަށް ކުރިއަށް ގެންދިއުމަކީ ކުރާނެ ކަމެއް ނޫންކަމަށެވެ. އަދި މިކަމުގައި ސަރުކާރުގެ ނިންމުމަކީ އެގްރީމެންޓް ރިވިއު ކުރުމުގެ ކަންތައްތަކެއް ކުރިއަށް ގެންދިއުން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.