ހއ. މޮޅަދޫ ކައުންސިލް ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަޙްމަދު އާދަމް، އުދަރެސް/ހއ. ހޯރަފުށި، ކައުންސިލް މެންބަރުކަމުން ދުރުކޮށް، ކައުންސިލްގެ ނައިބު ރައީސްގެ މަގާމުން ވަކޮށްދިނުމަށް ގޮވާލައި، މޮޅަދޫ ރައްޔިތުންގެ ޕެޓިޝަނެއް އެރަށު ކައުންސިލަށް ހުށަހަޅައިފިއެވެ.
މި ޕެޓިޝަންގައި ރަށުގެ މެޖޯރިޓީ ރައްޔިތުން ސޮއި ކޮސްފައިވާއިރު، ރައްޔިތުން ވަނީ ނައިބު ރައީސް ދިރިއުޅޭ ގެ ކައިރިއަށް އެއްވެ އޭނާގެ އިސްތިއުފާއަށް ވެސް ގޮވާފައެވެ.
ކައުންސިލަށް ހުށައަޅާފައިވާ ފެޓިޝަންގައި ބުނެފައިވަނީ، ހޮޅުދޫ ކައުންސިލްގެ ނާއިބު ރައީސާ އަލްފާޟިލް އަޙްމަދު އާދަމް އާމެދު ޤާނޫން ޚިލާފް ކަންތަކެއްގެ ސީރިއަސް ތުހުމަތުތަކެއް ކުރެވެމުންދާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި ތަފާތުއެކި ޙާލަތްތަކުގައި ތަފާތު އެކި ގޮތްގޮތަށް ޒުވާނުންގެ ފަރާތުން ނާއިބް ރައީސަށްވާނީ، މިކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކައި ނަޞޭޙަތްތެރި ވެވިފައި ކަމަށެވެ.
ނަމަވެސް މިކަންކަމަށް އެކަށީގެންވާ އިޖާބައެއް ނުދެއްވުމުގެ އިތުރަށް، އެފަދަ މަޤާމެއްގައި ހުންނަވާ ބޭފުޅައެއްގެ ކިބައިން ފެނިގެންނުވާނެ (އަޚްލާޤީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ދަށްފެންވަރުގެ) ޢަމަލުތައް، ތަކުރާރުކޮށް ފެންނަމުންދާ ކަމަށެވެ.
މިގޮތުން ކައުންސިލްގެ ރައީސްއާއި ނާއިބު ރައީސް ހޯރަފުށްޓަށް ކުރެއްވިރަސްމީ ދަތުރެއްގައި ދަތުރުކުރެއްވި ޑިންގީން މަސްތުވާތަކެތި ގެނައި ކަމަށާއިއެއީ ކާކުގެނައި އެއްޗެއްކަން އެނގޭކަމަށް ރައްޔިތުންގެ ޢާންމު ބައްދަލުވުމެއްގައި ނާއިބް ރައީސް އިޢުތިރާފް ވެފައިވުމާއި އަނބުރާ ދައްކާގޮތަށް، (މަކަރާއި ހީލަތުން) ގިނަ ޢަދަދެއްގެ ފައިސާ، ތަފާތު އެކިމީސްމީހުންގެ އަތުން ނަގައި، އަނބުރާ ނުދެއްކުން ހިމެނެއެވެ.
އަދި ރަށުގެ ފިހާރަތަކުން ލޭންދޭނަށް އެއްޗެހި ނެގުމަށްފަހު، ދަރަނި އަދާކުރަން ތަކުރާރުކޮށް އެދުމުންވެސް ދަރަނި އަދާކޮށްފައި ނުވުމާއި ރަށުގައި ކުރެވޭ ވައްކަންތަކާ ސީދާ ގުޅުން ހުރިކަމަށް ތުހުމަތު ކުރެވުމާއި އަދި ނައިބު ރައީސްގެ މަޤާމުގައިހުރެ، ތަފާތު އެކިފަހަރު މަތިން، ވަކިވަކި ފަރުދުން ޢާންމު ތަންތާނގައި ބޭއަދަބީ ބަހުން މުޚާޠަބުކުރުން ވެސް ހިމެނެއެވެ.