ފޮޓޯ: މިހާރު

އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އިސްކަމެއްދީގެން މަސައްކަތްކުރާނެކަމުގެ ޔަގީންކަން އަރުވަން: ޖެންޑަރ މިނިސްޓްރީ

އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކުރަންޖެހޭ އެންމެހާއި މަސައްކަތްތަކަކީ އިސްކަންދީގެން މި ސަރވިސްއިން ކުރަމުންދާނެ މަސައްކަތްތައްކަން ޔަޤީންކަން އަރުވާކަމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއިން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ވިދާޅުވެފައިވަނީ ބައިނަލްއަވާމީ ގޮތުން ފާހަގަކުރާ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި ނެރެފައިވާ ނޫސްބަޔާނުގައެވެ.

މިނިސްޓްރީން ވިދާޅުވީ އަންހެން ކުދިންނާއި އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންއަންނަކަމަށެވެ. އެގޮތުން މައިގަނޑު ގޮތެއްގައި މި މަސައްކަތްތައް އަމާޒުވެފައިވަނީ އަންހެން ކުދިން އެކުދިންގެ އަމިއްލަ ނަފްސާއި މެދު ދެކޭގޮތް ހަރުދަނާކޮށް ކޮންމެ ކުއްޖަކީވެސް ޤާބިލުކަން ހުރި ކުއްޖެއްކަމާއި، މާދާމާގެ އިސް މަޤާމުތަކުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމަށްކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

ސަރުކާރުން މިގޮތަށް އަމާޒު ހިފާފައިވާއިރު އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތަކަކީ އިސްކަންދީގެން ކުރާކަމެއްކަމަށް ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް ވިދާޅުވެއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ އަންހެން ކުދިންގެ ދުވަހެވެ. މިދުވަސް ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ އަންހެން ކުދިންގެ ދުވަހުގެ ގޮތުގައި އ.ދން ކަނޑައަޅާފައިވަނީ 19ޑިސެންބަރު 2011 ވަނަ އަހަރުއެވެ.

މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެން ކުދިންނަން ދިމާވާ ގޮންޖެހުންތައް ދެނެގަން، އެކަމުން އަރައިގަތުމަށް އަންހެން ކުދިން ބާރުވެރިކުރުވައި، އަންހެން ކުދިންގެ ހައްޤުތައް ކުރިއަރުވައި، އަދި އެހެން ކުދިންނެކޭވެސް އެއްހަމައެއްގައި އެކުދިންނަށް ފުރުޞަތު ހޯދައިދިނުމެވެ.

އަންހެން ކުދިން ބާރުވެރިކުރުވުމަށްޓަކައި ޚާއްސަ މަސައްކަތެއް ކުރުމަށް އ.ދން ކަނޑައަޅާފައިވަނީ، ތަފާސް ހިސާބުތަކުންވެސް ނަތީޖާގެ ހަމަހަމަކަން ހާސިލްވުމުގައި ގޮންޖެހުންތައް ހުރުމާއި މިކަންތައްތަކަށް އިސްކަމެއް ދީގެން އިތުރު މަސައްކަތްތަކެއް
ކުރަންޖެހިފައިވުމުންނެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމަށް އ.ދ އިން ކަނޑައަޅާފައިވާ ޝިޢާރަކީ “މައި ވޮއިސް :އަވަރ އީކުއަލް ފިއުޗަރ”އެވެ.

މި ޝިޔާރުގެ މަޤްސަދަކީ އަންހެން ކުދިންގެ އަޑުއަހާ، ހަމަހަމަ ފުރުޞަތުތައް ފޯރުކޮށްދިނުމަށް ބާރުއެޅުމުގެ މުޙިއްމުކަމާއި، ހެދޭ ސިޔާސަތުތަކަކީ ހަމަހަމަ ފުރުޞަތުތައް ލިއްބައިދޭ، ނަތީޖާގެ ހަމަހަމަކަމަށް ވާޞިލުވާސިޔާސަތުތަކަށްވުމެވެ. މިއީ ޖެންޑަރ އީކުޢަލިޓީ ޤާނޫނުންވެސް، އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުންވެސް ބާރުއަޅާކަމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!