ހުއްދަނެތި ގައިގަ އަތްލުމަކީ ޖިނާއީ ކުށެއް: އުޝާމް

މީހެއްގެ ހުއްދަނެތި ގައިގަ އަތްލުމަކީވެސް ޖިނާއީ ކުށެއް ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އަޙްމަދު އުޝާމް މިފަދައިން ވިދާޅުވެފައިވަނީ، މާފަންނަ މަދަރުސާގައި ކޮވިޑް ސާމްޕަލް ނަގަން ހުރި ރެޕިޑް ރެސްޕޯންސް ޓީމުގެ މެމްބަރަކަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ހަމަލާދިން ކަމަށް ބުނެ އަޑުތައް އަރާފައިވަނިކޮށެވެ.

މާފަންނު މަދަރުސާގައި ގާއިމުވެފައިވާ ކޮވިޑް ރެޕިޑް ރެސްޕޯންސް ޓީމުގައި ހިމެނޭ ފްރޮންޓްލައިން މުވައްޒަފަކަށް އެމްޑީޕީއަށް ނިސްބަތްވާ އިކްރާމް، ހަމަލާ ދީ މާރީ ހިންގާފައިވާ ކަމަށް ބުނެ ތުހުމަތު ކުރަމުން ގެންދާއިރު މެންބަރު އިކްރާމް ވަނީ އެކަން ދޮގު ކުރައްވާފަ އެވެ. ނަމަވެސް ސާމްޕަލް ނަގަން އުޅުނު ގޮތުން ތަދުވެގެން އެ މީހާގެ އަތް ދުރުކޮށްލައި އޭނާގެ ނަން އޮޅުން ފިލުވި ކަމަށް އިކްރާމް ވިދާޅުވެ އެވެ.

ނަމަވެސް އެ ވަގުތު އެ ސަރަހައްދުގައި ތިބި ބައެއް މީހުން ވަނީ މެންބަރު އިކްރާމް އޭނާގެ ސާމްޕަލް ނަގަން އުޅުނު ފްރޮންޓްލައިން މުވައްޒަފަށް އަތުން ހަމަލާދީފައިވާ ކަމަށް ބުނެފަ އެވެ. އަދި އޭނާއަކީ ކާކުކަން ނޭނގޭތޯ ސުވާލު ކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުން ވެސް މިހާރު ދަނީ ބަލަމުންނެވެ.

ސާމްޕަލް ނަގަން އުޅުނު ގޮތުން ތަދުވެގެން އެ މީހާގެ އަތް ދުރުކޮށްލާފައިވާ ކަމަށް މެންބަރު އިކްރާމް ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވާ އުޝާމް ވިދާޅުވީ މާރާމާރީ އަކަށް ވަނީ ހަަަމަލާއެއް ދިނުމުން އެކަނި ނޫން ކަމަށެވެ. މީހެއްގެ ހުއްދަ ނެތި ގައިގަ އަތްލުމަކީ ވެސް ޖިނާއީ ކުށެއް ކަމަށް އޭނާ ވިދާޅުވިއެވެ.

“މާރާމާރީ އަކަށް ވަނީ ހަމަ އެކަނި ހަމަލާ އެއް ދިނުމުން ނެއްނޫން. މީހެއްގެ ހުއްދަ ނެތި ގައިގަ އަތްލުމަކީ ވެސް ޖިނާއީ ކުށެއް،” އުޝާމް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!