ބިގް ބޮސް ގައި ކުރިއަށްދިޔަ ޓާސްކެއް ބޭއަދަބީ ކަމަށްބުނެ ޝޯ ބޭން ކުރަން ގޮވައިލަނީ

ކަލާޒް ޓީވީ އިން ގެނެސްދޭ މަޤުބޫލު ރިއަލިޓީ ޝޯ “ބިގް ބޮސް 14” ގައި ދާދިދަހުން ކުރިއަށްދިޔަ ޓާސްކެއްގައި ބޭއަދަބީ ކަންކަން ފެންނަ ކަމަށްބުނެ، އެ ޝޯ ބޭން ކުރުމަށް ޓްވިޓާގައި ގިނަ ބަޔަކު އަޑުއުފުލަން ފަށައިފިއެވެ.

މީގެ ދެދުވަސް ކުރިން ގެނެސްދިން އެޕިސޯޑުގެ މަންޒަރެއްގައި ފެންނަނީ، ޓާސްކެއް ފުރިހަމަ ކުރުމަށް ޝޯގެ 4 އަންހެން ބައިވެރިއަކު، ސީނިއާ ބައިވެރިއެއްގެ ގޮތުގައި އުޅޭ ސިދާތު ޝުކްލާއާ ގައިގޯޅިވާ ތަނެވެ. މި ޓާސްކުގެ ބޭނުމަކީ ވެސް އެފަދަ އަމަލުތަކެއް ދައްކައިގެން (ސެޑިއުސް ކޮށްގެން) ސިދާތުގެ “ހިތް އަތުލުމެވެ”. ނަމަވެސް ޝޯގެ ބެލުންތެރިން ބުނަމުން އަންނަނީ މިއީ ޤައުމީ ޓީވީއަކުން ދައްކަން އެކަށީގެންވާ މަންޒަރުތަކެއް ނޫން ކަމަށެވެ.

އަދި އެފަދަ ބޭއަދަބީ މަންޒަރުތައް ދައްކާނަމަ ޝޯ ބޮއިކޮޓު ކުރާނެ ކަމަށާއި، މިއީ މިހާރުވެސް ބޭން ކުރަންޖެހިފައިވާ ޝޯއެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ. ސަބަބަކީ އާއިލާތައް އެކުގައި ތިބެގެން ނުބެލޭ ވަރުގެ “ހަޑި” މަންޒަރުތަކެއް ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމީހުން ބުނެއެވެ. އޭގެތެރެއިން އެކަކު ސިފަކުރަނީ، އެއީ ޝޯގެ ހޯސްޓު ސަލްމާން ޚާން ރާވައިގެން، އިންޑިއާގެ އިޖުތިމާއީ ފޭރާން ހަލާކުކޮށްލަން ކުރާ ކަމެއްގެ ގޮތުގައެވެ.

މީގެ އިތުރުން، އެ މަންޒަރުތަކުން މުޖުތަމައަށް ލިބޭ މެސެޖުވެސް ނުރަނގަޅު ކަމަށް ބައެއް މީހުން ފާހަގަކޮށްފައިވެއެވެ. އެގޮތުން އަންހެނުންގެ އިއްޒަތާއި ކަރާމަތަށް ހުތުރު ނަން ލިބޭ ކަމަށް އެއްބަޔަކު ބުނާއިރު، އަނެއް ބަޔަކު ބުނަނީ އެއީ 4 ފިރިހެނުން ވެގެން އަންހެނަކަށް ކުރި ކަމެއް ނަމަ މުޅި ދުނިޔެވެސް އެކަމާ ދެކޮޅަށް ތެދުވީސް ކަމަށެވެ. އަދި ޓާސްކު ކުރިއަށްދިޔަ އިރު ސިދާތުގެ މޫނުމަތިން އޭނާ އެކަމާ ގަޔާނުވެފައި އިންނަކަން ފާހަގަވާ ކަމަށް އެކަކު ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!