ކަންގަނާގެ ފިލްމެއްގެ ނަން ބަދަލުކުރަން ޖެހުމުގެ ފަހަތުގައި ހުރީ ދިޕިކާ ކަމަށް ބުނެފި

ބައިނަލްއަޤުވާމީ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅިގެން ބޮލީވުޑް ބަތަލާ ކަންގަނާ ރަނައުތު ކުރި ޓްވީޓެއްގައި އަނެއްކާވެސް ބަތަލާ ދިޕިކާ ޕަޑުކޯނަށް ނުސީދާކޮށް ފާޑުކިޔައިފިއެވެ.

ކަންގަނާ މިއަދު ކުރި ޓްވީޓުގައި ވަނީ މިދިޔަ އަހަރު ނުކުތް އޭނާގެ ފިލްމު “ޖަޖްމެންޓަލް ހޭ ކިޔާ” ގެ ޓީޒާއެއް ޝެއާކޮށް މިއީ ދުވަހާ ގުޅޭ ފިލްމެއް ކަމަށާއި، މި ފިލްމު މިއަދު ބަލައިލުމަށް ފޭނުންގެ ކިބައިން އެދިފައެވެ. ނަމަވެސް ޓްވީޓު ފަށާފައި ވަނީ ދިޕިކާއަށް ނުސީދާކޮށް ފާޑުކިޔަމުންނެވެ.

އެގޮތުން ކަންގަނާ ބުނީ އެ ފިލްމަކީ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމަށް ހަދާފައިވާ ފިލްމެއް ކަމަށާއި، ނަމަވެސް ވަކި ބައެއްގެ ސަބަބުން ފިލްމު ކޯޓަށް ދަމައި، މީޑިއާތަކުން ބޭން ކުރުވާ ހިސާބަށް ދިޔުމުން ފިލްމުގެ ނަން ބަދަލުކުރަން މަޖުބޫރުކުރުވި ކަމަށެވެ. އެ މީހުންނަކީ “ޑިޕްރެޝަންގެ ފިހާރަ ހިންގާ ބައެއް” ގެ ގޮތުގައި ކަންގަނާ ސިފަކުރުމުން ބެލެވެނީ އެއީ ދިޕިކާއަށް އެއްލި ބަހެއް ގޮތުގައެވެ. ސަބަބަކީ، ޑިޕްރެޝަނާ ބެހޭގޮތުން ދިޕިކާ ދައްކަމުން އައީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށްބުނެ ކަންގަނާ ވަނީ މީގެކުރިން ވަރަށް ފާޅުގައި ފާޑުކިޔައިފައެވެ.

ނަފްސާނީ މައްސަލަތަކެއް ހުރި ޒުވާން އަންހެނެއްގެ ވާހަކަ ކިޔައިދޭ “ޖަޖްމެންޓަލް ހޭ ކިޔާ” އަށް އަސްލު ކިއީ ނަމަކީ “މެންޓަލް ހޭ ކިޔާ” އެވެ. ނަމަވެސް “މެންޓަލް” މި ބަސް ބޭނުންކޮށްފައިވާ ގޮތުން، ހަގީގީ ދިރިއުޅުމުގައި ނަފްސާނީ މައްސަލަތަކާ ކުރިމަތިލާ މީހުންނަށް ކުޑައިމީސް ކުރެވޭ ކަމަށްބުނެ، އިންޑިއަން ސައިކޭޓިރިކް ސޮސައިޓީ (އައިޕީއެސް) އިން ހުށަހެޅި މައްސަލައަކާ ގުޅިގެން ފަހުން ވަނީ ނަން ބަދަލުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!