ބިގް ބޮސް 14 ގެ ސީނިއާ ބައިވެރިން ތެރެއިން އެންމެ ބޮޑު އަދަދެއް ލިބެނީ ކާކަށް ކަން އެނގޭތަ؟

ކަލާޒް ޓީވީ އިން ގެނެސްދޭ މަޤުބޫލު ރިއަލިޓީ ޝޯ “ބިގް ބޮސް” ގެ މި އަހަރުގެ ސީޒަން އެތައް ގޮތަކުން ތަފާތުވެފައި ޝައުގުވެރިއެވެ. އެގޮތުން ކުރީ ސީޒަން ތަކުން ވިދައިލި ތިން ބައިވެރިއަކު ވަނީ ސީނިއާ ބައިވެރިންގެ ގޮތުގައި ގެއަށް ވައްދައިފައެވެ. އެއީ ސީޒަން 7 ގެ އެއްވަނަ ގޯހަރް ޚާނާއި، ސީޒަން 11 ގެ ދެވަނަ ހިނާ ޚާން އަދި މިދިޔަ ސީޒަން 13 ގެ އެއްވަނަ ސިދާތު ޝުކްލާއެވެ. މި ތިން ބައިވެރިން ބިގް ބޮސްގެ ގޭތެރޭގައި ހޭދަކުރާ 2 ހަފްތާއަށް ބޮޑު އަދަދަކުން ފައިސާ ހުށަހަޅާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

އެގޮތުން ގޭގައި ހޭދަކުރާ 2 ހަފްތާއަށް ސިދާތަށް 32-35 ލައްކަ ރުޕީސް (ގާތްގަނޑަކަށް 45،000 ޑޮލަރު) ލިބޭ ކަމަށް ‘ޕިންކްވިލާ’ އިން ބުނެއެވެ. ނަމަވެސް މިހާތަނަށް އެންމެ ގިނަ ބައެއްގެ ތަރުހީބު ލިބުނު ސީޒަން 13 އިން އެއްވަނައަށް ދިޔަ ސިދާތަށްވުރެ ގިނައިން އެހެން ސީނިއާ ބައިވެރިއަކަށް ފައިސާ ހުށަހަޅާފައިވާ ކަމަށް އެ ނޫހުން ބުނެއެވެ.

އެއީ މަޝްހޫރު ޓީވީ އެކްޓްރެސް ހިނާ ޚާނެވެ. ހިނާ ބިގް ބޮސްގެ ގޭގައި ހޭދަކުރާ 2 ހަފްތާއަށް 72 ލައްކަ ރުޕީސް (ގާތްގަނޑަކަށް އެއްލައްކަ ޑޮލަރު) ލިބޭނެ ކަމަށް ‘ޕިންކްވިލާ’ އިން ރިޕޯޓުކުރެއެވެ.

ހިނާ، ސިދާތު އަދި ގޯހަރް “ބިގް ބޮސް 14” ގައި ދެހަފްތާ ދުވަސް ވަންދެން މަޑުކުރާއިރު، އެމީހުންނަކީ މި ސީޒަނުގެ 11 ބައިވެރިންނަށް ޤަވާއިދުތައް ތަންފީޒުކޮށް، ބޮޑެތި ނިންމުންތައް ނިންމުމުގެ ބާރު ލިބިފައިވާ ބައެކެވެ.

“ބިގް ބޮސް 14” ގައި އަލަށް ބައިވެރިވި ތަރިންގެ ތެރެއިން އެންމެ ބޮޑު އަދަދަކުން ފައިސާ ހުށަހަޅާފައި ވަނީ ޓީވީ އެކްޓްރެސް ރުބީނާ ދިލަކް އާއި އޭނާގެ ފިރިމީހާ އެކްޓަރު އަބިނަވް ޝުކްލާ އަށެވެ. އެއީ އެމީހުން އެ ގޭތެރޭގައި ދިރިއުޅޭ ކޮންމެ ހަފްތާއަކަށް 5 ލައްކަ ރުޕީސް ލިބޭތީއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!