ކޮވިޑްގެ މިހާލަތުގައި ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވޭ: ޑރ. ނަޒްލާ

އޮކްޓޯބަރު 10 ވަނަ ދުވަހަކީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ކަމަށްވާއިރު ކޮވިޑްގެ މިހާލަތުގައި ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތާއި ބެހޭ މައުލޫމާތު ދެއްވުމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް 19އާއި އެކު އުޅެން ޖެހުމުގެ ސަބަބުން ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ.

ދަރިވަރުންނަށް ސްކޫލަށް ނުދެވި އޮފީސް މަސައްކަތްތައް ގޭގައި ކުރަންޖެހި ކުރިން އުޅުނު ގޮތާއި މުޅިން ތަފާތުކޮށް އުޅެން ޖެހިފައިވާ ކަމަށާއި ގެއިން ބޭރަށް ނުނިކުމެ އާއިލާއާއި ރައްޓެހިންނާއި ބައްދަލުނުވެ އަދި ހިތް ހަމަޖައްސާލުމަށް ކުރަން ބޭނުންވާ އެތައް ކަންތަކެއް ނުކުރެވި އެތައް ދުވަހެއް ފާއިތުވެގެންދާކަން ފާހަގަކުރެއްވިއެވެ.

އެހެންކަމުން މީގެ ސަބަބުން އެކި ކަހަލަ ނަފްސާނީ އަސަރުތައް އެކި ފަރާތްތަކަށް ކުރަމުންދާނެ ކަމަށާއި މިކަހަލަ ބަލި މަޑުކަމެއްގެ ތެރޭގައި އުޅޭއިރު ބަލީގެ ހައި ރިސްކް މީހުން ގޭގައި ތިބެން ޖެހުމުން ފިކުރު ބޮޑުވެ އެކި ކަހަލަ ނަފްސާނީ މައްސަލަތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!