ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މީހުންގެ ވިސްނުން: ފަޒްނާ

ރާއްޖޭގައި ނަފްސާނީ ބަލިތަކާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިވެފައިވާ މިންވަރު އިތުރުވެފައިވީ ނަމަވެސް ބަލީގެ ވާހަކަ ދައްކަނީ އަދިވެސް ވަރަށް މަދު ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނަފްސާނީ ބަލިތަކުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވިއަން ރެޑްކްރެސަންޓުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ވެބިނާގައި ވާހަކަ ދައްކަވަމުން ފަޒްނާ ވިދާޅުވީ ނަފްސާނީ ބަލީގެ ވާހަކަ ދައްކާ އަދި ބައްޔަށް ފަރުވާ ހޯދަނީ މަދު ބައެއް ކަމަށެވެ. އަދި މިގޮތަށް މި ކަންތައް ވަނީ މުޅި މުޖުތަމައު އިން ނަފްސާނީ ބަލިތައް އެންމެ ފުރިހަމަ ގޮތުގައި އަދިވެސް ބަލައި ނުގަންނާތީ ކަމަށާއި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަން ދިމާވާ އެންމެ ބޮޑުއެއް ގޮންޖެހުމަކީ މުޖުތަމުގެ މީހުންގެ ވިސްނުން ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ، ނަފްސާނީ ބަލިތަކަކީ އެހެން ބަލިތައް ފަދަ ބަލިތައްކަން ބަލައި ގަންނަން ޖެހޭ ކަމަށާއި، އެހެން ބަލިތަކަށް ފަރުވާ ހޯދޭހެން އިތުބާރާއި އެކު ނަފްސާނީ ބަލިތަކަށް ވެސް ފަރުވާ ހޯދެން ޖެހޭނެ ކަމަށެވެ. މިހާރުވެސް ވަރަށް ގިނަ ފަރާތްތަކުން އެހެން މީހުންނަށް އެނގިދާނެތީ ކްލިނިކަށް ގޮސް ފަރުވާ ހޯދަން ފަސްޖެހޭ ކަމަށާއި އެހެންނަމަވެސް ނަފްސާނީ ބަލިތަކަށް ވެސް މާ ލަސް ނުވަނީސް ފަަރުވާ ހޯދުމަކީ މުހިންމު ކަމެއް ކަމަށް ފަޒްނާ ވިދާޅުވިއެވެ.

ނަފްސާނީ ބަލިތަކަކީ އެހެނިހެން ބަލިތައް ފަދަ ބަލިތައް ކަން ބަލައި ނުގަނެ، ނަފްސާނީ ބަލިތައް ހުންނަ ފަރާތްތަކަށް އެގޮތަށް ވެފައި ވަނީ ވަކި ސަބަބެއްގެ ސަބަބުން ކަމަށް ބުނެ ވާހަކަ ދެއްކުމުން އެފަދަ މީހުންގެ ހައްގަށް އަރައި ގަނެވިގެންދާ ކަމަށް ވެސް ރައީސްގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ.

އެފަދަ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދި، މާ ބޮޑުވަރު ނުވަނީސް ނުވަތަ މާ ގިނަ ދުވަސް ނުވަނީސް ފަރުވާ ހޯދުމުގެ މުހިންމުކަން ވެސް ފަޒްނާ ފާހަގަކުރެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!