ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއިން ދެ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. އެކަން ޖެންޑާ މިނިސްޓްރީން ވަނީ ޔަގީން ކޮށްދީފަ އެވެ.
އެ މިނިސްޓްރީން މިރޭ ބުނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ އިރުޝާދުގެ ދަށުން އެ ދެ ކުދިން ވަކި ފެސިލިޓީއަކަށް ގެންދިއުމަށްވަނީ ނިންމާފައިވާ ކަމަށެވެ. ޕޮޒިޓިވްވި ދެކުދިންގެ ހާލުވެސް ރަނގަޅު ކަމަަށް ބުންޏެވެ.
ކުޑަކުދިންގެ ހިޔާއަކީ ގިނަ އަދަދެއްގެ ކުދިން އެކުގައި ދިރިއުޅޭ ތަނަކަށް ވާތީ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޗްޕީއޭ އަދި އެޗްއޯއީސީއިން ދީފައިވާ އިރުޝާދާއި އެއްގޮތަށް ތަނުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް ޖެންޑާއިން ބުނެއެވެ.
އަދި ކަމާއި ގުޅުން ހުރި އިދާރާތަކާއި، މޮނިޓާ ކުރުމުގެ ޒިންމާ އަދާކުރާ އިދާރާތަކަށް އެންގުމަށްފަހު، ޕޮޒިޓިވްވި ކުދިންނާއި އެއް ފަންގިފިލާގައި ދިރިއުޅެމުންދާ ކުދިންނާއި މި ކުދިން ބެލެހެއްޓުމަށް ތިއްބެވި ކެއާ ވޯކަރުންނާއި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ އެހެން ކުދިންނާއި ބައްދަލު ނުވާނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސާ ކުޑަކުދިންގެ ހިޔާއަށް ވަދެނިކުމެ އުޅުން މިވަގުތައް މެދުކަނޑާލާފައިވާ ކަމަށްވެސް ޖެންޑާއިން ބުންޏެވެ.