ފޮޓޯ: މިހާރު

ސިއްޙީ މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރާނެ: އެޗްޕީއޭ

ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި ހަރަކާތްތެރިވާ ސިއްހީ ޚިދުމަތްތެރިންނާ، ވޮލަންޓިއަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމުގައި އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން މިގޮތަށް ވިދާޅުވެފައި މިވަނީ، ކޯވިޑް-19ގެ ޓެސްޓް ސާމްޕަލްތައް ނެގުމުގައި މަސައްކަތް ކުރާ ރެޕިޑްރެސްޕޮންސް ޓީމްގެ މެންބަރަކަށް ހަމަލާދިން މައްސަލައެއް ފެންމަތިވެފައި ވަނިކޮށް ނެރުނު ބަޔާނެއްގައެވެ.

އެޗްޕީއޭގެ ބަޔާނުގައި ވިދާޅުވެފައި ވަނީ، ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި އެޗް.އީ.އޯ.ސީ އާއި ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި އަދި ކޯވިޑް-19 އަށް ޓެސްޓުކުރުމުގައި ދެމުންދާ ޚިދުމަތްތަކަކީ ޕްރޮފެޝަނަލް މިންގަޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދެމުންގެންދާ ޚިދުމަތްތަކެއް ކަމަށެވެ. އަދި ޚިދުމަތް ދިނުމުގައި ކަންކަން އޮޅުން ފިލުވައިދީ އާންމު ފަރާތްތަކުން ކަންބޮޑުވާ ކަންތައްތަކަށްވެސް އިޖާބަދީ ޚިދުމަތް ފޯރުކޮށްދެމުން ދާނީވެސް އެގޮތުގެ މަތިން ކަމަށެވެ.

އެޗްޕީއޭއިން ވިދާޅުވީ، ކޯވިޑް-19އަށް އިޖާބަ ދިނުމުގެ މި މަސައްކަތްތަކުގައި ސިއްހީ ޚިދުމަތްތެރިންނާއި ވޮލަންޓިއަރުން ރެއާ ދުވާލު މަސައްކަތްކުރަމުން ދަނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީގެން ފޯރުކޮށްދޭ ޚިދުމަތް ދިނުމުގައި އަމަލުކުރުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން އަދި އޯގާތެރިކަމާއެކުގައިކަމަށެވެ.

އަދި ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި ހަރަކާތްތެރިވާ ސިއްހީ ޚިދުމަތްތެރިންނާއި، ވޮލަންޓިއަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމުގައިވެސް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ. މިގޮތުން އެފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އާންމު ރައްޔިތުންނާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ އެހީތެރިކަން ދެއްވުމަށްވެސް އެޗްޕީއޭއިން ވަނީ އެދިވަޑައިގެންފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!