އައްޑޫ ޑްރަގު މައްސަލަ: އިތުރު ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އައްޑޫ ސިޓީގައި ހިންގި މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރެއިން އިތުރު 3 މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ފުލުހުންގެ މީޑިއާއިން ބުނީ، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ ސ. ހިތަދޫ، ފިނިފަރު، ހަސަން އާމިރު (25އ) އާއި ސ. ހިތަދޫ، ބުލޫބާރޑް، ހޫދު ލަތީފް (24އ) އާއި ސ. ހިތަދޫ، މަންދޫބުގެ، ޙުސައިން ސިމާޙު (27އ) އެވެ.

މި މީހުންގެ ތެރޭގައި ހިމެނޭ ހޫދު ލަތީފް އަކީ މިމައްސަލައާ ގުޅިގެން އޮކްޓޫބަރު 7 ވަނަ ދުވަހުގެ ވަގުތެއްގައި ހައްޔަރުކޮށް، އެދުވަހު ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ މީހެކެވެ. އަދި އަނެއް ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވަނީ އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުކުރު ދުވަހު ކޯޓަށް ހާޒިރުކުރުމުން ކަމަށް ފުލުހުން ބުނެއެވެ.

މި ތިން މީހުންނާއެކު ޖުމްލަ 5 މީހަކަށް ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެެހެއްޓުމަށް އަމުރުކޮށްފައެވެ. މީގެ ކުރިން މި މައްސަލަގައި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރީ، ސ. ހިތަދޫ، ފިނިފަރު، ޢަބްދުﷲ އިބްރާހިމް (33އ) އާއި ސ. ހިތަދޫ، ކޯޅި، މުޙައްމަދު ޔާމީން ނަޞީރު (23އ) އަށެވެ.

އޮކްޓޫބަރު 1 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ މި އޮޕަރޭޝަނުގައި ޖުމްލަ 16 މީހަކު ހައްޔަރުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން ފަހުން ހައްޔަރުކުރި ދެ މީހުން ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 5 އަދި 7 ވަނަ ދުވަހުގެ ވަގުތެއްގަ ކަމަށެވެ. އެ ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 5 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އަދި އޮކްޓޫބަރު 7 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ހޫދު ލަތީފް ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ތަހުގީގަށް އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ 8 މީހަކު ވަނީ ދޫކޮށްލާފައެވެ.

ބޭރުގެ ބަޔަކާ ގުޅިގެން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި އިސްކޮށް ހަރަކާތްތެރިވީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ ޢަބްދުﷲ އިބްރާހީމް (އަބުޗާ) ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!