އދ. ފެންފުށީ ގެއެއް ބަލައި ފާސްކޮށް އެ ގޭގެ ތެރެއިން ބައި ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއްކަމަށް ޝައްކުކުރެވޭ ކްރިސްޓަލް މެތު ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށާއި ފެންފުށީ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އދ. މާމިގިލި ޕޮލިސް ސްޓޭޝަނާއި ފެންފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މިމަހުގެ 8 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އޭނާ ދިރިއުޅެމުންދާ ގެއިންނެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު، އޭނާ އުޅެމުންދާ ކޮޓަރި ތެރެއިން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކްރިސްޓަލް މެތުކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ދެ ކޮތަޅާއި، ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 536.2 ގްރާމްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ފެންފުށީގެ އެ ގެއިން އަތުލި ޑްރަގުގެ ބަރުދަނުގައި 536.2 ގްރާމް ހުއްޓެވެ. އެގެއިން ހައްޔަރު ކުރި 39 އަހަރުގެ މިހާއަކީ އދ. އަތޮޅުގައި ޑްރަގު ވިޔަފާރި ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުވާ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކޯޓުން އޭނާގެ ބަންދަށް މިހާރު 15 ދުވަސް ދީފައި ވެއެވެ.
މިމައްސަލަ އދ. ފެންފުށއްޓާއި، މަހިބަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ވިދާޅުވެއެވެ.