ޔޮޓް ޓުއާސްއަށް ދޭންޖެހޭ ފައިސާގެ އިސްތިއުނާފު މާދަމާ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއަރސްއަށް 22 މިލިއަން ޑޮލަރު ދެއްކުމަށް އެލައިޑް އިންޝޫރެންސްގެ މައްޗަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް އަޑުއެހުމެއް އާދިއްތަ ދުވަހަށް ހައިކޯޓުގައި ތާވަލް ކޮށްފިއެވެ.

މި މައްސަލަ ހައިކޯޓުގައި ތާވަލް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ 11:00 އަށެވެ. މި މައްސަލައިގެ އަޑުއެހުމެއް މިދިއަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުވެސް ތާވަލް ކުރިއެވެ. ނަމަވެސް އެ މައްސަަލަ އިސްތިއުނާފް ކުރި އެލައިޑް އިންޝުއަރެންސް ކުންފުނީގެ އެދުމުގެ މަތިން އެ ދުވަހުގެ އަޑުއެހުން ވަނީ ހައިކޯޓުން ކެންސަލް ކޮށްފައެވެ.

މި މައްސަލަަކީ، އިންޝުއަރެންސް ކްލެއިމްގެ ގޮތުގައި ބަދަލު ދޭންޖެހޭ ކަމަށް ނިންމައި، އެލައިޑް އިންޝުއަރެންސް މައްޗަށް، ޔޮޓް ޓުއަރސްއަށް 22 މިލިއަން ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާއި ގުޅިގެން، އެލައިޑް އިންޝުއަރެންސުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައެކެވެ. އަދި މިއީ ހައިކޯޓުގައި މި މައްސަލާގައި ބާއްވާ ފުރަތަމަ އަޑުއެހުމެވެ.

ސިވިލް ކޯޓުން މިދިއަ ޖުލައި މަހުގެ 19 ވަނަ ދުވަހު ކޮށްފައިވާ ހުކުމުގައި ވަނީ، އެލައިޑް އިންޝުއަރެންސްގެ ފަޔަރ އިންޝުއަރެންސް ޕޮލިސީގެ ދަށުން، ޔޮޓް ޓުއަރސް ކުންފުނީގެ ފަރާތުން ހިންގަމުން ދިޔަ ރިސޯޓެއް ކަމަށްވާ ހއ. އަލިދޫ ރިސޯޓުން ދައްކަން ޖެހޭ ފައިސާ ދައްކާފައިވަނިކޮށް، 30 އޯގަސްޓް 2014 އިން 15 ސެޕްޓެމްބަރު 2014 އާ ދެމެދު މޫސުން ވަރަށް ބޮޑަށް ގޯސްވެ، ރާޅުބޮޑުވެ، ކުރިމަތިވި ޤުދުރަތީ ޙާދިސާއެއްގައި އެ ރިސޯޓުގެ މޫދު ރޫމްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި އެތަންތަން ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާ ކަމަށެވެ.

އެ ހާދިސާގައި އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުންތަކަކީ ދެފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ ފަޔަރ އިންޝުއަރެންސް ޕޮލިސީގެ ދަށުން ރައްކާތެރިކަން ލިބެންޖެހޭ ނުރައްކަލަކުން ވެފައިވާ، ގެއްލުންތަކެއް ކަމަށެވެ. އަދި އެ ގެއްލުންތަކަކީ އެލައިޑް އިންޝުއަރެންސް ކުންފުނީގެ ފަރާތުން އަލިދޫ ރިސޯޓަށް ދޫކޮށްފައިވާ ފަޔަރ އިންޝުއަރެންސް ޕޮލިސީގެ ދަށުން ޔޮޓް ޓުއަރސްއަށް އިންޝުއަރެންސް ކްލެއިމްގެ ގޮތުގައި ބަދަލު ދޭންޖެހޭ ގެއްލުންތަކެއްކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ޝަރީއަތަކަށް ސާބިތުވާ ކަމަށެވެ.

އެެހެންކަމުން، އެ ޙާދިސާއާ ގުޅިގެން، އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި، ޔޮޓް ޓުއަރސް ކުންފުނީގެ ފަރާތުން ހޯދުމަށް އެދިފައިވާ 22،784،837.59 ޑޮލަރަކީ އެ ދެފަރާތުގެ ދެމެދު އެކުލަވާލެވުނު އަލިދޫ ރިސޯޓްގެ ފަޔަރ އިންޝުއަރެންސް ޕޮލިސީގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން، އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުުގެ ބަދަލުގެ ގޮތުގައި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!