ކުރިން ނަގާފައިވާ ދަރަނި އަނބުރާ ދައްކަން ޖެހޭއިރު އާމްދަނީއެއް ނެތް: ރައީސް ނަޝީދު

ދަރަނީގެ ނުރައްކަލަކީ ދަރަނި އަނބުރާ ދައްކަންޖެހޭއިރު އެވަރަށް ފައިސާ ނެތުންކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ފާޅުކުރައްވައިފިއެވެ.

ރައީސް ނަޝީދު އަބަދުވެސް ޗައިނާގެ ދަރަންޏާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާ އެއަށް ފާޑު ވިދާޅުވެ އެވެ. އެގޮތުން މިއަދު ކުރެއްވި ޓުވީޓްތަކެއްގައި އެ މަނިކުފާނު ވިދާޅުވީ ދަރަނީގެ ނުރައްކަލަކީ ދަރަނި އަނބުރާ ދައްކަންޖެހޭ އިރު އެވަރަށް އާމްދަނީ ނެތުން ކަމަށެވެ. އަދި 2012 އާއި 2018 އާއި ދެމެދު ސަރުކާރުން ނަގާފައިވާ ގިނަ ދަރަނިތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ، އެ ދަރަނި ދައްކަވަން ޖެހެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ކަމަށެވެ. އަދި އެންމެ ގިނައިން މި ދަރަނި ދައްކަން ޖެހެނީ އަންނަ އަހަރުން ފެށިގެން 2023 އާއި ހަމަޔަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިވަގުތު ސަރުކާރުގެ އާމްދަނީ ވަނީ އެކީހެން ނެތިފައި ކަމަށާއި މިއަދުގެ ހާލަތުަގައި އެންމެ ބުދިވެރި ގޮތަކީ 2012 އާއި 2018 އާއި ދެމެދުގެ ދަރަނި އިތުރު ޖޫރިމަނާއަކާ ނުލާ ބިނާ ކުރުން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ޗައިނާގެ ލޯނުތަކަކީ ދަންތުރައެއް ކަމަށްވެސް މީގެ ކުރިން ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ޖޫރިމަނާ މާފްކުރުމަށް ނަޝިދު ގޮވާލައްވާފައިވާއިރު، ޗައިނާއިން ނަގާފައިވާ ލޯނުތަކަށް ކޮވިޑް-19 އާއި ގުޅިގެން ލުއި ދިނުމަށް މަޝްވަރާކުރުމަށް ތައްޔާރަށް އޮތް ކަމަށް ޗައިނާ ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!