މެޑުރިޑުގައި ކުއްލި ޙާލަތު އިޢުލާނުކޮށްފި

ސްޕެއިނުގެ މެޑުރިޑުގައި 15 ދުވަހުގެ މުއްދަތަށް ކުއްލި ޙާލަތު އިޢުލާނުކޮށްފިއެވެ. ސްޕެއިނުގެ ވެރިކަންކުރާ ސިޓީކަމުގައިވާ މެޑުރިޑުގައި ކުއްލި ޙާލަތު އިޢުލާނުކުރުމަށް އެ ޤައުމުގެ މަރުކަޒީ ސަރުކާރުން ނިންމާފައިވަނީ ކޯވިޑް-19ގެ ސަބަބުން އެ ސަރަޙައްދުގެ ޙާލަތު ގޯސްވަމުންދާތީއެވެ.

ވަޒީރުންގެ މަޖިލީހުން މެޑުރިޑުގައި ކުއްލި ޙާލަތު އިޢުލާނުކުރުމަށް ނިންމާފައިވަނީ މެޑުރިޑުގައި މިދިޔަ ހަފުތާގައި ޤާއިމްކޮށްފައިވާ ލުއި ފުރަބަންދުގެ އުސޫލުތައް ބާޠިލުކުރުމަށް އެ ޤައުމުގެ ކޯޓަކުން ނިންމުމާއި ގުޅިގެންނެވެ. މެޑުރިޑުގައި އަޅާފައިވާ ފިޔަވަޅުތައް ބާޠިލްކުރުމަށް މެޑުރިޑުގެ ސަރަޙައްދީ ސަރުކާރުން ކާމިޔާބު ހޯދުމުން ސްޕެއިނުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗެޒްވަނީ ދުސްތޫރީ ބާރުގެ ބޭނުންކުރައްވާ ކުއްލި ޙާލަތު އިޢުލާނުކުރައްވާފައެވެ. މެޑުރިޑާއި އެ ސިޓީ ކައިރީގައިވާ ސަރަޙައްދުތައް ބެލެހެއްޓުމަށް 7،000 ފުލުހުންދަނީ ޙާރަކާތްތެރިވަމުންނެވެ.

ކުއްލި ޙާލަތުގައި އަޅާ ފިޔަވަޅުތަކުގެ ދަށުން މިދިޔަ ހަފުތާގައި އަޅާފައިވާ ފިޔަވަޅުތައް އަލުން އިޢާދަވާނެއެވެ. މެޑްރިޑާއި އިތުރު ނުވަ ސިޓީއަކަށް ބޭނުމެއްނެތި ވަދެ ނުކުތުން މަނާވުމުގެ އިތުރުން ހަ މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން މަނާވާނެއެވެ. ރެސްޓޯރަންޓުތަކާއި ކެފޭތަކަށް ޚިދުމަތްދެވޭނީ އެތަންތަނުގެ ޖާގައިގެ 50 އިންސައްތައަށެވެ. އަދި ރޭގަނޑު 11 ޖަހާއިރު ހޮޓާތަކާއި ރެސްޓޯރަންޓުތައް ބަންދުކުރަންޖެހޭނެއެވެ. ފިހާރަތަކާއި އެހެނިހެން ވިޔަފާރިތައް ރޭގަނޑު 10ޖަހާއިރު ބަންދުކުރަން ޖެހޭނެއެވެ. އެ ފިޔަވަޅުތަކުގެ އަސަރު މެޑްރިޑާއި އިތުރު ނުވަ ސިޓީއެއްގައި ދިރިއުޅޭ 4.78 މިލިއަން މީހުންނަށް ކުރާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!