އިންޓަނެޓު މެދުވެރިކޮށް ބަހުޘްގައި ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް ޓްރަންޕު ވިދާޅުވެއްޖެ

އޮކްޓޯބަރު މަހުގެ 15ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ ބަހުޘްގެ ދެވަނަ ބުރު އިންޓަނެޓު މެދުވެރިކޮށް ބޭއްވުމަށް ނިންމުމުން، ބަހުޘްގައި ބައިވެރިވެވެޑައިނުގަންނަވާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕު ވިދާޅުވެއްޖެއެވެ.

އިތުރު ދަޢުރަކަށް ކުރިމަތިލައްވާފައިވާ ރައީސް ޓްރަންޕަށް ކޯވިޑް-19 ޖެހިފައިވާކަން އޮކްޓޯބަރު މަހުގެ 2ވަނަ ދުވަހުގައިވަނީ އިޢުލާނުކުރައްވާފައެވެ. އޭގެ ފަހުން ތިން ދުވަހުގެ މުއްދަތަށް އަސްކަރީ ހަސްފަތާލެއްގައި ފަރުވާ ދިނުމަށްފަހުވަނީ އެނބުރި ރިޔާސީ ގަނޑުވަރު ވައިޓު ހައުސަށް ވަޑައިގެންފައެވެ.

ކުރިއަށް އޮތް ބަހުޘް އިންޓަނެޓު މެދުވެރިކޮށް ބޭއްވުމަށް ބަހުޘް އިންތިޒާމުކުރާ ފަރާތުން ނިންމުމުން ޓްރަންޕުވަނީ އެކަމާ ނުރުހުން ފައުޅުކުރައްވާފައެވެ. ފޮކްސް ނިއުސަށް ދެއްވި ބަސްދީދަތުމެއްގައި އެމަނިކުފާނު ވިދާޅުވީ ކޮމްޕިއުޓަރެއްގެ ދޮށުގައި އިންނަވައިގެން ބަހުޘް ކުރައްވަން ބޭނުންވެވަޑައިނުގަންނަވާކަމަށާއި އެފަދަ ބަހުޘަކަށް އެމަނިކުފާނުގެ ވަގުތު ބޭކާރުކުރައްވަން ބޭނުންވެވަޑައިނުގަންނަވާކަމަށެވެ.

އެފަދަ ބަހުޘެއް ކުރިއަށްދާ ވަގުތު ބަހުޘް އިންތިޒާމުކުރާ ފަރާތުން ބޭނުން ވަގުތަކު އެމަނިކުފާނުގެ މައިކު ކަނޑާލެވިދާނެކަމަށް ވިދާޅުވެ ޓްރަންޕުވަނީ ކަންބޮޑުވުން ފައުޅުކުރައްވާފައެވެ. ޓްރަންޕު ވިދާޅުވީ އޭނާގެ ޙާލުކޮޅު ވަރަށް ރަނގަޅުކަމަށާއި އިންތިޚާބަށް ކެންޕެއިނު ކުރައްވަން އޮކްޓޫބަރު މަހުގެ 10ވަނަ ދުވަހު ނިކުންނެވުމާއި ގުޅޭގޮތުން ވިސްނަވަމުން ގެންދަވާކަމަށެވެ.

އެމެރިކާގެ ކްލީވްލޭންޑުގައި ބޭއްވި ބަހުޘްގައި ރައީސް ޓްރަންޕާއި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު، ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ބަހުޘްގައި ވާހަކަދެއްކުމަށް ހަ މައުޟޫއެއް ކަންޑައަޅައިފައި އޮތް ނަމަވެސް 90މިނެޓުގެ ބަހުޘްގައި ދެ ބޭފުޅުންވެސްވަނީ މަޢުޟޫތަކާއި ބެހޭގޮތުން ވާހަކަދެއްކެވުމުގެ ބަދަލުގައި ޒާތީގޮތުން އަރައިރުންވެ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ތުހުމަތުތައް ރައްދުކުރައްވައި ވާހަކަދެއްކެވުމުގައި ވަރަށް ބޭއަދަބީ ބަސްކޮށާރު ބޭނުންކުރައްވާފައިވެއެވެ. އެއާއެކު ގިނަ ބައެއްގެ ފާޑުކިޔުންވަނީ ދެ ބޭފުޅުންނަށްވެސް ރައްދުވެފައެވެ.

އޮކްޓޯބަރު މަހުގެ 15ވަނަ ދުވަހުގެ ބަހުޘްގައި ރައީސް ޓްރަންޕު ބައިވެރިވެވަޑައިނުގަންނަވާނެކަމަށް ވިދާޅުވުމުން ޖޯ ބައިޑަންވަނީ އެ ތާރީޚުގައި ފިލަޑެލްފިއާ ސްޓޭޓުގައި ޚާއްޞާ ޙާރަކާތެއް ބޭއްވެވުމަށް ނިންމަވާފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!